English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ދުވަހާއި ގުޅުވައިގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް އިފްތިހާހުކޮށްފިއެވެ.

މިއީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ. އަހަރީ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ނޮވެންބަރު މަހުއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީ އެކެވެ. ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭން އާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓީވެސް ބޭންކުން ފޯރުކޮށްދޭނެެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާއި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓައް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗަރ އަށް އެހީވެދިނުން.”

ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ސުންގަޑިއަކީ 16 މާރިޗް 2022 ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.

ބޭންކުން ވަނީ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދެ ހަރަކާތެއްގެ ގޮތުގައި “ބީއެމްއެލް ސްކޮލާޝިޕް ފަންޑު’ އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީވުމަށް ނިންމާފައެވެ.