English Edition
Dhivehi Edition

ކޮންމެ ގުޅުމަކީވެސް ދެފަރާތުގެ ލޯތްބާއި، އިހްތިރާމާއި، ހެޔޮނިޔަތާއި އިޚްލާސްތެރިކަން އޮންނަ ގުޅުމަކަށް ވުމަކީ ވަރަށް މުހިއްމުކަމެކެވެ. ހާއްސަކޮށް ތިމާގެ މުޅި އުމުރު ހޭދަކުރުމަށް އިހްތިޔާރުކުރާ ބައިވެރިޔާ އާއި އެކު އުފާވެރި ގުޅުމެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ ބައިވެރިޔާ އާއި އެކު ހިތްހަމަޖެހޭ އުފާވެރި ގުޅުންތަކެއް ނެތްނަމަ އެ ގުޅުން އަވަހަށް ނިންމާލުމަކީ ދެ ފަރާތަށްވެސް އެންމެ ފައިދާ ހުރި ގޮތެވެ. އެހެންނަމަވެސް ގިނަ މީހުންނަށް މި ފަދަ ގުޅުމެއް ނިންމާލަންޖެހޭ ސަބަބުތައް ނުވަތަ އެކަމަށް އެންމެ އެކަށީގެންވާ ވަގުތަކީ ކޮބައިކަން ނޭގެއެވެ.

ޝައްކު ކުރުމާއި، ނުފޫޒު ފޯރުވުން:

ތިމާ ކުރާ ކަންތައްތަކަކީ އެންމެ ރަނގަޅު ކަންތައްތައް ނޫންކަމުގައި ދެކި، ޝައްކު ކުރުމަކީ ދެމީހުންގެ ދެމެދުގައި އެކަށީގެންވާ އިތުބާރު ނެތްކަމުގެ އެންމެ ބޮޑު ހެއްކެވެ. އަބަދުވެސް ތިމާ ކުރާ ކަންތައްތަކުގެ ތެދު ދޮގު ހާމަކޮށް ދިނުމަށް ހެކި ދައްކަންޖެހުމާއި، އެއްވެސް ކަމަކަށް ނުވާ ކަންތައްތަކުގައި ޝައްކުކޮށް، ހެކި ހޯދަން މަސައްކަތްކުރާނަމަ އެއީ އެ ގުޅުން ކުރިއަށް ނުގެންދެވޭނެ ކަމުގެ ހެއްކެކެވެ.

މީގެ އިތުރުން ތިމާ ކުރަން ބޭނުންވާ ކަންތައްތައް ހުއްޓުވުމާއި، ބައެއް ރައްޓެހިންނާއި ގުޅުންކަނޑާލަން ބުނުން ފަދަ ކަންތައްތައް ކުރުމަކީ ތިމާގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ. ބައިވެރިޔާގެ މި މިޒާޖުގެ ސަބަބުން ތިމާގެ އެއްވެސް އިހްތިޔާރެއް ނެތްކަމުގެ އިހްސާސްކުރެވި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ހާލަތަށް ދިއުމުގެ ކުރިން އެ ގުޅުން ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތެވެ.

ދެމީހުން އެކުގައި ހޭދަކުރާ ވަގުތުވެސް އުފާވެރިކަމުގެ އިހްސާސް ނުވުން:

ބައިވެރިޔާ އާއި އެކު ހޭދަކުރާ ލޯބީގެ ވަގުތުތަކުގައި އުފާވެރިކަން އިހްސާސްކުރެވި، ހިތްހަމަޖެހުމަކީ މުހިއްމުކަމެކެވެ. ހާއްސަކޮށް ދެމީހުން އެކުގައި ހޭދަކުރާ ހާއްސަ ދުވަސްތަކާއި، ދެމީހުންގެ ދިރިއުޅުމުގައި ލިބޭ ކާމިޔާބީތަކުގައެވެ. އެހެންނަމަވެސް ބައެއް ގުޅުންތަކުގައި މި އުފާވެރި އިހްސާސްތައް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ބައިވެރިޔާ އާއި އެކު ހޭދަކުރާ ވަގުތުތަކުގައިވެސް އެހެން ކަންތައްތަކާއި މެދު ވިސްނި، ބައިވެރިޔާއަށް އެއްވެސް ސަމާލުކަމެއް ނުދެވޭ ފަހަރު އާދެއެވެ. އަދި މޫނުމަތިން ހިނިތުންވުން ދެއްކި ނަމަވެސް ތިމާގެ ހިތާއި ސިކުނޑި އެ އުފަލާއި ހިތްހަމަޖެހުމުގައި ބައިވެރިނުވާ ފަހަރު އާދެއެވެ. ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައިވެސް އެކަނިވެރިކަން އިހްސާސްކުރެވޭނަމަ އެ ގުޅުމާއި މެދު ތިމާ އެހާ ޝައުގުވެރު ނުވާކަމަށް ނިންމާށެވެ.

އެކުގައި އުޅުމަށްވުރެ ވަކިވާން ޖެހޭ ސަބަބުތައް ގިނަވުން:

ބައެއް މީހުން ލޯބިވެރިޔަކު ހޯދަނީ އެކަނި އުޅެން ބޭނުން ނުވާތީއެވެ. ނުވަތަ ލޯބިވެރިޔަކު ނެތުމުން އެހެން މީހުން ދެކޭނެ ގޮތާއި މެދު ވިސްނާފައެވެ. އެހެންނަމަވެސް ލޯބީގެ ގުޅުމުގައި އެކަނިވެރިކަމާއި، ޝައްކާއި، ނުފޫޒު އެކުލެވޭ ނަމަ އެ ގުޅުމަކުން ލިބޭނެ އެއްވެސް އުފަލެއް ނެތްކަން ޔަގީނެވެ. އެކުގައި ހޭދަކުރާ އުފާވެރި ދުވަސްތަކަށްވުރެ، އެކުގައި ހޭދަކުރާ ހަމަނުޖެހުން ބޮޑު، ހިތްދަތި ދުވަސްތައް ގިނަވެއްޖެ ނަމަ އެ ގުޅުން ނިންމާލަން ޖެހެއެވެ. އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމާއި، ވަފާތެރިނުވެ ވޭ ނަމަ އެ ލޯތްބަކީ އެންމެ ތެދުވެރި ލޯބި ނޫންކަން ޔަގީންކުރާށެވެ. އަދި އެއީ ތިމާއަށް އެންމެ އެކަށީގެންވާ ބައިވެރިޔާ ނޫންކަން ގަބޫލުކުރާށެވެ.