English Edition
Dhivehi Edition
ފުލުހުން މާލޭގެ މަގުމަތި މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމޭވަރުވާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ އެކު ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާނާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން އެޗްޕީއޭއާއި ޑޮކްޓަރުންގެ ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

“ކޮވިޑް-19 ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުންދަނީ. އަޅާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން މާދަމާ ގޮތެއް ނިންމޭވަރުވާނެ.” މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަމެއް އަދިހާމަކުރެވެން ނެތް ކަމަށް ވެސް މިނިސްޓަރ ނަސީމު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓު އޮމިކްރޯން މުޅި ރާއްޖޭގައި ފެތުރި މިބަލި ޖެހޭ މީހުންގެ އަދަދު މިހާރުވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ވެސް ހާހަކާ ގާތްކުރެއެވެ.

އެހެންވެ، އެޗްޕީއޭއިން ވަނީ ކަރަންޓީންވުމާއި އަތޮޅުތެރެއަށް ދަތުރު ކުރުމުގައި ކުރިން ދީފައި އޮތް ލުއިތަކަށް ބަދަލު ގެނެސްފައެވެ.