English Edition
Dhivehi Edition

އުރީދޫ އިން ފަތުރުވެރިންނަށް ޚާއްސަކޮށްގެން “ގޯލްޑެން އިޔަރ ސިމް” ތަޢާރަފްކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ޚާއްސަކޮށްގެން، އައު ގޯލްޑަން އިޔަރ ސިމް ޕެކް ތަޢާރަފްކޮށްފިއެވެ. އައު ޕެކް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް މި ސިމް ގައި ހިމަނާފައިވާއިރު، ސޯޝަލް މީޑިއާއަށް ވެސް ޚާއްސަ ޑޭޓާ ވަނީ ހިމަނާފައެވެ.

މި ޕެކޭޖާއެކު ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި ޢާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެއެވެ.

މި ސިމް ތަޢާރަފްކޮށްދެއްވުމަށް ބޭއްވި ޙަފުލާގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ “ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު، އަޅުގަނޑުމެންވެސް މިތިބީ މި އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި” ކަމަށެވެ.

“މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން.” ނިޔާޒު ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ “އޫރިދޫގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފްކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަން ކަށަވަރު.” ކަމަށެވެ.

އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން 2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕާއި ގުޅިގެން ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭނެއް “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ފަށާފައެވެ. މި ކެމްޕޭނު ކުރިއަށް ގެންދަނީ ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެންނެވެ.

ޕެންޑެމިކްއާއި ގުޅިގެން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއެކުވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ މި ކާމިޔާބީ އަށް މަރުހަބާ ދަންނަވައި، 2022 ވަނަ އަހަރު ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ކުރާ އުއްމީދުތައް ހިއްސާކޮށްފައެވެ.

ޓެގު