English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަޙުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްޤީގެ ދަތުރުގައި ދިވެހިން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަމަށެވެ. ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ރައީސް ވިދާޅުވީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައެވެ. އަދި ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.