English Edition
Dhivehi Edition
ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެގެންދާއިރު ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާކަމަށެވެ. މި ސަރުކާރުން މިފަދަ މަޝްރޫޢެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ.

މީގެކުރިން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމް ވިދާޅުވީ ފްލައިން ސްކޫލްގައި އެންރޯލްވުމަށް ކޮންމެ އަހަރަކު 80 ކުދިންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ސްކޫލަށް ކުދިން ނަގާއިރު މިހާރު ފްލައިޓް ޓްރެއިނިން ހަދަމުންދާ ކުދިންގެ ތެރެއިން ޓްރެއިނިން ނުނިމޭ ކުދިންނަށް އިސްކަން ދޭނެކަމަށެވެ. މީގެ އިތުރުން ހުސައިން ހަލީމް ވިދާޅުވީ އެސްކޫލްގައި ކިޔަވާ ކުދިން އިތުރުވާ ވަރަކަށް އައިލެންޑް އޭވިއޭޝަންގެ އިތުރު އެއާޕޯޓުތަކަށް އެ ސްކޫލްގެ ހިދުމަތް ފުޅާކުރާނެކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)މެދު ދަރިވަރުންގެ ޝަކުވާތައް އިތުރުވެ ތަފާތު އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.މި ހުރިހާ މައްސަލަތައް ބެލުމަށްފަހު މިދިޔަ ޖުލައި 31 ވަނަ ދުވަހު،އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައެއްނުވެއެވެ.