English Edition
Dhivehi Edition
17 ޑިސެމްބަރު 2019ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ރައީސް ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. މާފުއްޓަށް ވަޑައިގެންނަވަން ހަމަޖެހިއްޖެއެވެ.

އެއް ދުވަހަށް ކުރައްވާ މި ދަތުރުފުޅަކީ މާފުށީ ކައިރީގައި ހިއްކާފައިވާ ޕިކްނިކް އައިލެންޑު އެ ރަށު ކައުންސިލާގައި ރަސްމީކޮށް ހަވާލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ މި ދަތުރުފުޅުގައި އެ ރަށުގެ މުހިންމު ތަންތަނަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވާ، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން މާފުށި ކައިރީގައި ހިއްކި ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަޝްރޫއު މިމަހުގެ 19 ވަނަ ދުވަހު ނިންމާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ދެ ހެކްޓަރުގެ ބިން ހިއްކާ، މިހާރު ކުރިޔަށް ދަނީ ޕިކްނިކް އައިލެންޑުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މިއީ 10.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.