English Edition
Dhivehi Edition

“އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ”ގެ ނަމުގައި ފުވައްމުލަކުގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ސިޓީ ހޮޓަލެއް ހުޅުވައިފި އެވެ.

އެ ސިޓީގެ ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި ހެދި މަތީ ފެންވަރުގެ ސިޓީ ހޮޓާ އާއްމުކޮށް ހުޅުވާލާފައިމިވަނީ ޓޫރިސްޓް ސީޒަނާ ދިމާކޮށް މިމަހު އެވެ.

ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް 24 ގަޑި އިރު ލިބޭނޭގޮތަށް މި ހޮޓާ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބުކިންގްސް ހަދަމުން އަންނަކަމަށް އެ ހޮޓަލުން ބުނެފައި ވެއެވެ. އަދި ޖެނުއަރީ 5 އާ ހަމަޔަށް 35 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ 15 ކޮޓަރީގެ ހޮޓަލުގައި ރެސްޓޯރަންޓަކާއި ސްޕާއެއް ވެސް ހިމެނޭ އިރު، ރޫފް ޓޮޕްގައި އައުޓްޑޯ ޝަވަރާއެކު ޖަކޫޒީ ވެސް ބަހައްޓާފަ އެވެ. ގާތްގަނޑަކަށް 3،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އިމާރާތްކޮށްފައިވާ މި ސިޓީ ހޮޓަލުގައި ތިން ގިންތީގެ ކޮޓަރި ހުރެ އެވެ.

އެގޮތުން ޢާއިލާއެކު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ފެމިލީ ދެ ސުއިޓަކާއި އިރުއަރާ މަންޒަރު ކޮޓަރީގައި ތިބެ ބަލާލަން ބޭނުންވާ ފަރާތްތަކަށް ޓްރޮޕިކަލް ސަންރައިޒް ރޫމްތަކާއި ޓްރޮޕިކަލް ސަންސެޓްގެ ކޮޓަރިތަކުގައި ތިބޭ ފަރާތްތަކަށް ފުވައްމުލަކަށް އިރުއޮއްސޭ ހިތްގައިމު މަންޒަރު ވެސް ފެންނާނެ އެވެ.

މި ހޮޓަލުން ދިވެހި ކެއުންތަކާއި ހުޅަނގުގެ ތަފާތު މީރު ކެއުންތައް ވެސް ލިބޭ އިރު، ހެނދުނު ބުފޭ ބްރެކްފާސްޓާއި މެންދުރު ކެއުމާއި ރޭގަނޑުގެ ކެއުން ރޫފް ޓޮޕް ޑެކްގައި ވެސް ހަމަޖައްސައިދު އެވެ. މި ހޮޓަލުގައި ލިފްޓް ހަރުކޮށްފައި ހުންނަ އިރު، ރޫފް ޓޮޕް ޑެކް ގައި ސަން ބާތުކުރަން ބޭނުން މީހުންނަށް ސަން ބެޑާއި ޔޯގާ ކަސްރަތާއި ސްޕާއަކުން ލިބޭ ޚިދުމަތްތައް ވެސް ލިބެން ހުރެ އެވެ. އަދި އެކި ކަހަލަ ކެއުންތަކާއި މަސާޖާއި ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް ޖިމްގެ ޚިދުމަތް ވެސް އެ ހޮޓަލުން ލިބެން ހުރެ އެވެ.

އައު އަހަރާ ދިމާކޮށް ހޮޓަލުގެ ރެސްޓޯރަންޓް ވެސް އާއްމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެޑްވެންޗަރ ޕާކެއް ހެދުމުގެ ވިސްނުމެއް ގެންގުޅޭ ކަަމަށް ވެސް އެ ހޮޓަލުން ވަނީ ބުނެފަ އެވެ.