English Edition
Dhivehi Edition

ފުވައްމުލަކުގެ ރައްޔިތުން ގިނަ ތަކުލީފުތަކަކާއެކު،ކަނޑުބޯޓުފަހަރުގައި ،މާލެއަށް ކުރަންޖެހިފައިވާ ދަތުރުތަކަށް ނިމުމެއް އައިކަމަށް ޤަބޫލުކުރެވުނީ 2011 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގައެވެ. އެދުވަހު 15:35ގައި ޖެއްސި ފުރަތަމަ ޓެސްޓިން ފުލައިޓު ބަލަން ފުވައްމުލަކުގެ ރައްޔިތުން ޖަމާވީ އެތައް އުއްމީދުތަކެއް ކުރަމުންނެވެ.

ފުވައްމުލަކުގެ ވައިގެބަނދަރު ހުޅުވުން ވެގެން ދިޔައީ މާކަނޑުގެ މެދުތެރޭގައިވާ ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދިޔަކަމަކަށެވެ. އެ ފަސޭހަ ލިބެންފެށީ ރައްޔިތުންގެ ޤުރުބާނީއާވެސް އެކުގައެވެ. ބުރަ މަސައްކަތުން ހޯދާ ލާރިން ޓިކެޓްގަނެ ފުލައިޓުން ދަތުރުކުރަން ފެށުމާއެކު މޯލްޑިވިއަންއަށްވެސް އިތުރު ނަފާ ލިބެން ފެށިއެވެ. ވައިގެ ބަނދަރުން ޚިދުމަތް ލިބެން ފެށުމާއެކު އެހެން އެއާޕޯރޓުތަކުގައި ކުރަންޖެހޭ ތަޖުރިބާތަކާއި ކުރަން ނުޖެހޭ ތަޖުރިބާތައް ކުރަމުން ޚިދުމަތް ލިބެމުންއަންނަތާ އަހަރުތަކެއް ފާއިތުވީއެވެ.

އެއާރޕޯޓެއް އޮތުމުގެ ފަސޭހަކަން ތަޖުރިބާކުރާތާ އަހަރުތަކެއް ފާއިތުވެގެން ދަނީ އެއާޕޯޓް ހުޅުވުނުފަހުން ރައްޔިތުން ކުރަމުންއަންނަ ޝަކުވާތަކާވެސް އެކުގައެވެ.

މިފަހަރު ވެސް ޓިކެޓް ނުލިބުމުގެ މައްސަލައެކެވެ. ރަށުން ބޭރަށް ދާން ބޭނުންވެފައި ތިބި ފުވައްމުލަކު ރައްޔިތުންނަށް ޓިކެޓް ނުލިބުމުގެ މައްސަލައެވެ. އަހަރުގެ ބޮޑުޗުއްޓީއަށް ގެނައި ބަދަލާއެކު މި ޗުއްޓީ މިވަނީ ކުރު ޗުއްޓީއަކަށެވެ. ޗުއްޓީ ކުރުވިއަސް ބޭސްފަރުވާއާއި އެހެނިހެން ސަބަބުތަކަށްޓަކައި ރަށުންބޭރަށް ދާން ބޭނުންވާ ގިނަބަޔަކު އެބަތިއްބެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެންވެސް ރަށުން ބޭރަށް ނުދެވި ތިބި ރައްޔިތުންގެ ޝަކުވާގެ އަޑުވަނީ ގަދަވެފައެވެ. ޖާގަ ނުލިބިގެން މޯލްޑިވިއަންއާއި ކަމާބެހޭ އެހެން މުއައްސަސާތަކާ ކުރިމަތި ކުރާ ސުވާލުތައް ގިނައެވެ. ޢިއްޒަތްތެރި މެމްބަރުންނަށް ގުޅުމާއި މެސެޖުކުރުން އިތުރު ވެއްޖެއެވެ. އަދި ފުވައްމުލަކާއި ރާއްޖޭގެ ގިނަ ރައްޔިތުންގެ ސަމާލުކަން މޯލްޑިވިއަނަށް ހުއްޓިފައިވާ މި ދަނޑިވަޅު ފުވައްމުލަކުގެ ރައްޔިތުން ކުރާ ސުވާލުތަކާއި ޝަކުވާތަކާއި ޝުޢޫރުތައް ތަފާތެވެ.

އެގޮތުން އެންމެ ބޮޑު އެއް ސުވާލަކީ ކޮންމެ ޗުއްޓީއެއްގައި މިގޮތަށް ޓިކެޓް ލިބުމުގެ ދަތިކަން ކުރިމަތިވެ ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ކަންކަމަށް ޓިކެޓް ނުލިބި ޙާލުގައި ޖެހިފައިވާއިރު އިތުރު އެހެން އެއާލައިނަކަށް މި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ ނުދޭ ސަބަބަކީ ކޮބައިތޯއެވެ.

ފުވައްމުލަކުގެ ރައްޔިތުން ބުނާގޮތުގައި ފުވައްމުލަކަށް ހަމައެކަނި މޯލްޑިވިއަންގެ ދަތުރުތައް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުން ކަންބޮޑުވާކަމެކެވެ.އޭގެ ސަބަބުން ފުލައިޓުން ޖާގަ ނުލިބުމުގެ އިތުރުން އަގުބޮޑުވުންވެސް ހިމެނެއެވެ.އަދި ގިނަފަހަރަށް ފުވައްމުލަކު އެއާޕޯޓްގައި ޖައްސާ ފްލައިޓްތަކަކީ ޓްރާންސިޓް ފްލައިޓްތަކަށް ވުމުންވެސް ވަރަށް ގިނަ ދަތިތަކާއި އުދަނގުލާއި ވޭން ތަޙައްމަލްކުރަން ޖެހެއެވެ.

“ބުރަ މަސައްކަތަށްފަހު ޗުއްޓީ ހޭދަކޮށްލަން ނުވަތަ ޑޮކްޓަރަށް ދައްކަން ޓިކެޓެއް ލިބޭ ފަހަރެއްގައި ވެސް ދަތުރުކުރަނީ ވަރަށް ޙާލުގައި. ކާއެއްޗެއް ބޯނެ އެއްޗެއް ފުވައްމުލަކު އެއާޕޯޓް ތެރެއިން ނުވަތަ ފްލައިޓުން ވެސް ލިބެން ހުންނަނީކީ ނޫން. ފަތިހު ހަތަރެއް ޖަހާއިރު ޗެކިން އޮންނައިރު އެހިސާބުން ދަތުރު މިއޮންނަނީ ފެށިފައި. ފްލައިޓުގައި މަންޒިލަށް ދާންޖެހެނީ ހުސްބަނޑާ. އަދި ކޮބާ, ވާރޭވެހޭނަމަ އެއާޕޯޓުގައި ތިބޭ ބަޔަކު ބަނޑަށް ތިބެންވީ. އެއާޕޯޓުތެރެއިން ލާރިދީގެން ހޯދަންވެސް މައިލޯ ޕެކެޓްގަނޑެއްގެ މިންވަރުވެސް ނުލިބޭ. އަދި މިޙާލުގައި ތިއްބާ ފުރުން ލަސްވެއްޖެއްޔާ އެ ނިމުނީ”

ގައުމީ އެއާލައިނުން ދަތުރުވެރިންގެ މިފަދަ އިޙުސާސްތަކަށް އިސްކަމެއް ދޭހެއްޔެވެ؟ ބައެއް މީހުން ބުނާގޮތުގައި މޯލްޑިވިއަންއިން އިސްކަން ދެނީ ފަތުރުވެރިންނަށެވެ. އެކަމަކު ލާމުން ދެކުނަށް މޯލްޑިވިއަން ނޫން ފުލައިޓެއްގެ ދަތުރުތައް ރޭވިފައި ނޯންނާތީ ގެސްޓުން ފުރުވާލަންވެސް ޓިކެޓް ނުލިބިގެން އެހެނިހެން ގޮތްގޮތުން އެމީހުން ފޮނުވާލަން އިތުރު ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމީ ވެސް ހިނގަމުން އަންނަ ކަންކަމެވެ.

ފުވައްމުލަކުގެ އެއާޕޯޓް ހެދުމުމުން ފުލައިމީގެ ދަތުރުތައް ފުވައްމުލަކަށާއި އައްޑުއަށް ފެށިއެވެ. އޭގެ ސަބަބުން އައްޑުއަށްވެސް ކަނޑުމަގުން ދާން ބޭނުންނުވާ މީހުންނަށް ލުއިތަކެއް ލިބުނެވެ. ބޭސްފަރުވާގެ ފުރުސަތުތައް މަދު ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުވައްމުލަކަށާއި އައްޑުއާއި މާލެއަށް އޭރު ދެވޭގޮތް އޮތެވެ. ޓިކެޓް ނުލިބިގެން ހާސްވާކަށް ނުޖެހެއެވެ.

އެކަމަކު ފްލައިމީ އޮޕަރޭޓްކުރާ ވިލާއެއާއިން ވަނީ މިހާރު ، ކޮންމެވެސް ސަބަބަކާހެދި މި ދަތުރުތައް ހުއްޓާލާފައެވެ. އައްޑޫސިޓީއާއި ފުވައްމުލައްސިޓީއަށް ވިލާއެއާއިން ކުރި ދަތުރުތައް ހުއްޓާލިކަން އިޢުލާންކޮށްފައިވަނީ 2019 ވަނައަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގައެވެ. އޭގެ ފަހުންވެސް މި ދަތުރުތައް ފެށޭނެ ވާހަކަދެކެވުނަސް ޢަމަލީ ސިފަ އައިސްފައި ނުވެއެވެ. ވިލާއެއާގެ ދަތުރުތައް ހުއްޓާލި ޚަބަރާގުޅިގެން ނޫހެއްގައި މާޝާކިޔާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި އޮތީ ތިރީގައި މިވާ ފަދައިންނެވެ.

” ނާއިބު ރައީސް ފައިސަލް ކެމްޕޭނުތެރޭ ޙައްޖުދުވަހު ފުވައްމުލަކު ރައްޔިތުންކުރިމަތީ ޓީވީ ލައިވުކުރި އިވެންޓެއްގައި ﷲ ގަންދީ ކުރި ހުވާ ހަނދުމަކޮށްއަރުވަން. މޯލްޑިވިއަންގެ އިތުރުން،އިތުރު ފުލައިޓެއްގެ ދަތުރު ފުރަތަމަ ތިންމަސް ދުވަހު ފަށާނެކަމަށާއި ފުލައިޓް ދަތުރު ނުހުއްޓި ކުރިއަށްގެންދާނެކަމަށް”

ވެރިންގެ މިފަދަ ވަޢުދުތަކާއި ދައްކަވާ ވާހަކަފުޅު ހަނދާން ހުންނަ ރައްޔިތުންވެސް ތިބެއެވެ.

ފުވައްމުލަކާއި ރާއްޖޭގެ ރައްޔިތުންވެސް ބޭނުންވަނީ ހެޔޮއަގެއްގައި ރަނގަޅު ޚިދުމަތެއް ލިބުމެވެ.ކުރިން އައިލެންޑުއޭވިއޭޝަންގެ ނަމުގައި ދެމުންއައި ޚިދުމަތް “މޯލްޑިވިއަން” އަށް ބަދަލުވިކަން އިޢުލާންކުރައްވަމުން 25 އޮގަސްޓް 2008 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫނު ވިދާޅުވެފައިވަނީ ” އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، “މޯލްޑިވިއަން”ގެ ޚިދުމަތްތައް އަދިވެސް ކުރިއަށް އޮތްތާނގައި އިތުރަށް ތަރައްޤީ ކުރައްވައި، އެ ޚިދުމަތްތައް ފުޅާކުރައްވަމުން ގެންދެވުން. ތިޔަބޭފުޅުން ތިޔަކުރައްވާ ޚިދުމަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ލިބިގެންދިޔުން. އިތުރު އުފާފާގަތިކަމާއި، އިތުރު ތަނަވަސްކަން ލިބިގެންދިޔުން. އަދި ރާއްޖޭގެ ނަން އިތުރަށް މަޝްހޫރުވެގެންދިޔުން.”

ހުރިހާ ބޭފުޅުންގެ ވާހަކަފުޅު ގުޅިފައިވަނީ އަދި މިހާރުވެސް ވާހަކަދެކެވެނީ ރައްޔިތުންގެ އިޙުސާސްތަކާ ގުޅޭ ގޮތަށެވެ.ވާހަކަތައް ވަނީ ހިތާއި ގުޅިފައެވެ.ދާދިފަހުންވެސް މޯލްޑިވިއަނުން ބުނެފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދަން މަސައްކަތް ކުރާ ވާހަކައެވެ. ރައްޔިތުން އެކަން ޝުކުރުވެރިކަމާއެކު ބަލާގަނެއެވެ. އެކަމަކު ފުރަން ބޭނުންވެ ނުފުރި ތިބި ރައްޔިތުންވެސް ފުރަން ބޭނުންވެއެވެ.

ފުވައްމުލަކުގައި ހެދި އެއާޕޯޓާއި ބެހޭގޮތުން ،އޭރުގެ ރައިސް ނަޝީދު ވިދާޅުވެފައިވަނީ،” ފުވައްމުލަކު އެއާޕޯޓް ވިޔަފާރީގެ ގޮތުން ނުބެލުމަށާއި ފުވައްމުލަކު އެއާޕޯޓު ގުޅިފައިވަނީ ފުވައްމުލަކު ރައްޔިތުންގެ ހިތާއި ކަމަށެވެ.”

ފުވައްމުލަކުގެ އެއާޕޯޓަކީ ރައްޔިތުންގެ ހިތާއި ގުޅިފައިވާތަނެއް ކަމުގައިވާނަމަ ރައްޔިތުންގެ ހިތަށްއުދަނގޫ ނުވާގޮތަށް ދަތުރުކުރެވޭ އެއާޕޯޓަކަށް ވާން ވާނެއެވެ.އެހެން އެއާލައިންތަކުގެ ބޯޓް ޖައްސާ ތަނަކަށް ވާންވާނެއެވެ.ފަސޭހަކަމާއެކު ކެއިން ބުއިމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނަކަށް ވާންވާނެއެވެ. މޯލްޑިވިއަންއަކަށް ވިއަސް މަންތާއަކަށް ވިއަސް ވިލާއެއާ އަކަށް ވިއަސް މައްސަލައެއް ނެތެވެ.ބޭނުންވަނީ ޖީބަށް ލުއިގޮތަކަށް ޓިކެޓް ލިބި ހިތަށް “ފަސޭހަ” ގޮތަކަށް ދަތުރުކުރެވޭ ގޮތް ވުމެވެ.