English Edition
Dhivehi Edition

އަހަރެމެން އިންސާނުންނަކީ މި ދުނިޔޭގައި ލައްވާފައިވާ ނިކަމެތި ވަގުތީ މަޚުލޫޤުންތަކެވެ. އެކަން އަހަރެމެންނަށް އެންމެ ބޮޑަށް އިޙުސާސްކުރުވާނެ އެއް ކަމަކީ އަހަރެމެން އިންސާނުންގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަމެވެ.

ﷲ ތަޢާލާ މި ދުނިޔޭގައި ލައްވާފައިވާ ކޮންމެ މަޚުލޫޤަކީ ވެސް އަދި ކޮންމެ އެއްޗަކީވެސް ވަކި އުމުރެއް ނުވަތަ ވަކި އަޖަލެއް ކަނޑައަޅުއްވަވާފައިވާ އެއްޗެއްކެވެ. އެހެންކަމުން ކަނޑައެޅިފައިވާ އަޖަލު ޖެހުމުން އެ އެއްޗެއް ނުވަތަ އެ މަޚުލޫޤެއް ފަނާވެ ވީރާނާވެ ނެތިދެއެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެންމެންގެ ލޯކުރިމައްޗަށް ފެންނަމުންދާ އެންމެ ބޮޑު އެއް ހަޤީޤަތް އިންސާނާގެ މަރު ފުދެއެވެ.

ކަން މިހެން އޮތްއިރު އަޅުގަނޑުމެންގެ ނަފުސްތަކުގެ ނިކަމެތިކަމާއިމެދު އަޅުގަނޑުމެން ނުވިސްނަނީ ކީވެގެންތޯ މިއީ މިއަދު ކުރަންޖެހިފައިވާ ސުވާލެކެވެ!

ބައެއް މީހުންނަށް ތަނަވަސްކަމާ އާރާއި ބާރު ލިބުމުން ތިމާޢަކީ ހުރިހާ ބާރުތަކެއް ލިބިގެންވާ މީހަކު ކަމަށް ޤަބޫލުކުރެވި ތިމަންނާއަކީ އިލާހެއް ކަމަށް ޤަބޫލުކުރެވޭ ޙާލަތަށް މީހާގެ ވިސްނުން ދެއެވެ.

ނަމަވެސް އޭނާގެ ފެށުންވެސް ވަނީ ނިކަމެތިކަމުގައެވެ. އަދި އޭނާގެ ނިމުންވެސް ވަނީ ނިކަމެތިކަމުގައެވެ. އަދި ކީއްހެއްޔެވެ؟ އޭނާ، އޭނާގެ ވެރި ރައްބާއި ބައްދަލުކުރަން ދާހިނދު އޭނާ ވާނީ ނިކަމެތި މަޚްލީޤެއްގެ ގޮތުގައެވެ.

ކަން މިހެން އޮތް ނަމަވެސް ﷲ ތަޢާލާ ދެއްވި ބުއްދި އާއި ބުއްދީގެ ބޭނުންކޮށްގެން ލިބޭ ތަރައްޤީ އާއި ތަހުޒީބު ލިބުމުން އެމީހުންގެ ހިތްތައް އެންމެ މައްޗަށް އަރައިގެން ގޮސް އެމީހުން މިވަނީ ﷲ އަށް ކާފިރުވެފައެވެ.

ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ އިންސާނާ ބަލިކަށިކަމުގެ ތެރެއިން އުފެއްދެވި އިލާހަކީ ތިމަން ﷲ ކަމަށެވެ. އެކަމުގެ ތެދުކަން ނިކަން ދެކެބަލާށެވެ! އިންސާނާގެ ނިކަމެތިކަން ނިކަން ދެކެބަލާށެވެ! ޠަބީޢީ ގޮތަށް ބަލައިފިނަމަ އިންސާނާ އުފެދިގެން އަންނަނީ ބައްޕަގެ ކުޑަކަމުދާ ގުނަވަނުން ނުކުންނަ ފެންތިއްކަކުންނެވެ. ދުނިޔެއަށް އުފަންވަނީ މަންމަގެ ކުޑަކަމުދާ ގުނަވަމުންނެވެ. ވީއިރު އިންސާނުންނަކީ މިހައިވެސް ނިކަމެތި ބައެކެވެ.

އަދި ކީއްހެއްޔެވެ؟ ހިނގައިގަނެވެނީވެސް އެތައް ދުވަހެއް ފަހުންނެވެ. އެއިގެ ފަހުން މީހަކަށްވެ ކަމެއް ކުރެވޭވަރުވަނީވެސް އެތައް ދުވަހެއް ފަހުންނެވެ. ނަމަވެސް ދުނިޔޭގައި އުޅުމުގެ އާރާއި ބާރުލިބުމުން ގުންފައިޖަހާފައި ހިނގާއުޅޭއިރު ޤަބޫލުކުރެވޭނީ ފަރުބަދަތަކަށްވުރެ އިސްކޮޅު ދިގުކަމަށެވެ. އާރާއި ބާރުލިބުމުން ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރަގަސްދީފައިދާއިރު އިންސާނާގެ މިނިކަމެތިކަން އަމިއްލައަށް ދެނެގަންނަން ޖެހެއެވެ.

އޭ ލޮބުނެތި އަޚުންނާއި އުޚުތުންނެވެ.! އާރާއި ބާރާއި މުދަލާއި މުއްސަނދިކަން ލިބުމަކީ ތިބާ ބޮޑާވެ ކިބުރުވެރިވެ ހިތް އާސުމާނަށް އަރަން ޖެހޭ ސަބަބެއް ނޫނެވެ. ކިތެންމެ ގިނަ މުދަލެއް އޮވެ ކިތެންމެ މުއްސަނދި ނަމަވެސް އަދި ކިތެންމެ ބޮޑު މަޤާމަކާއި އާރަކާއި ބާރެއް އޮތް ނަމަވެސް މިއަދުވެސް ތިބާ ލޯމަރާލައިފި ނަމަ މީގެން ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ތިބާއަށް ނުގެންދެވޭނެއެވެ. ތިބާ ކޮށްފައިވާ ހެޔޮ ޢަމަލެއް ފިޔަވައެވެ.

އެހެންކަމުން ދުނިޔެވީ މުއްސަނދިކަމާއި ބޮޑު މަޤާމާއި އާރާއި ބާރުތަކުގައި ހިފާ ކިބުރުވެރި ނުވާށެވެ. އެއީ މި ކެހިވެރި ދުނިޔޭގައި ލިބޭނެ ވަގުތީ އުފަލަކަށް މެނުވީ ނުވާނެއެވެ. ތިބާ ކުރާ ހެޔޮ ޢަމަލެއްގެ ފައިދާ ނޫނީ ތިބާއަށް ނުކުރާނެ ކަން ދަންނާށެވެ.