English Edition
Dhivehi Edition

މެޕްސް ކޮލެޖްގެ ޖެނުއަރީ/ފެބްރުއަރީ 2022ގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ކޮލެޖުން ހުޅުވާލާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެ އެވެ.

މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހައެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮތް އިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ގްރޭޑް ދިހައެއް ނިންމާލުމަށްފަހު ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، އަދި 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ޚިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި އޭލެވެލްގެ ތިން ފާހާއެކު ސީދާ ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

މެޕްސް ކޮލެޖްގެ އަމިއްލަ ނުވަތަ ލޯކަލް ހުރިހާ ކޯސްތަކަކީ ވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރާނަމަ އެތަނެއްގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކޯސްތަކެކެވެ. އަދި މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް” ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 05 ފެބްރުއަރީ އެވެ. މެޕްސް ކޮލެޖްގެ ލޯކަލް ކޯސްތަކުގެ އިތުރުން އެކޮލެޖުން ހިންގާ އިންޓަރނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލެވިފަ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ ޑިގްރީ އަދި މާސްޓަރސް ކޯސްތަކާއެކު އޭ.ސީ.ސީ.އޭގެ ކޯސްތައް ހިމެނެ އެވެ.

މިކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ، 31 ޑިސެންބަރު 2021 އެވެ. މީގެތެރެއިން އޭ.ސީ.ސީ.އޭގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފަ އެވެ.

ކޮވިޑް-19އިގެ ޕެންޑަމިކްއާ ގުޅިގެން މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަނަމަވެސް ނިއު ނޯމަލްއާ އެއްގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ހުއްދައާއެކު ބައެއް ކްލާސްތަކުގެ ކިޔެވުން މިހާރު ބާއްވަމުންދަނީ މެޕްސް ކޮލެޖުގު ކެމްޕަހުގަ އެވެ.މެޕްސް ކޮލެޖުން މައުލޫމާތުދޭގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް އެޗް.ޕީ.އޭގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ.

މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ. މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.