English Edition
Dhivehi Edition
މެއި 6 ގެ ބޮމުގެ ހަމަލާގައި ތުހުމަތުކުރެވޭ އަހުމަދު އަދުހަމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އެކުށަށް އިޢުތިރާފުވެފައިވާ އަދުހަމް އަހްމަދު ރަޝީދު ބުނެފި އެވެ.

އޭނާ މިހެން ބުނީ އޭނާއަށް ޙުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ އަޑު އެހުމުގަ އެވެ.

މި އަޑުއެހުމުގައި އަދުހަމް ބުނީ އޭނާއަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކޮށް، ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިނީ ލިބިފައިވާ ދީނީ ނުބައި މައުލޫމާތުގެ ސަބަބުން ކަމަށް ވެސް އަދުހަމް ވަނީ ބުނެފަ އެވެ.

އަދުހަމް އިތުރަށް ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ޓާސްކު އަދުހަމާއި ހަވާލުކުރީ މިކަން ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ އިޝްހާގުކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އަދުހަމް ސުވާލުކުރުމުން، ސުވާލު ގިނަކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބުނެ އެ ސުވާލުތަކަށް އިޝްހާގު ޖަވާބުދީފައިނުވާކަމަށް ވެސް އަދުހަމް ބުންޏެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އޭނާ ބޮން ގޮއްވާލާފައިވަނީ އެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ނެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިޢުތިރާފްވެފައިވާ އިރު، ދައުލަތުން އަދުހަމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ކުށަށް އިޢުތިރާފްވުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެވެ.