English Edition
Dhivehi Edition
ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ފޮޓޯ ރައީސް އޮފީސް

ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަކަމަށާއި މިކަމަކީ އެންމެން ގުޅިގެން ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާގެ ކަންކަން އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވިފައިވާ ނުވާތީ އެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ.

މިކަމުން އަރައިގަނެ، ޒުވާނުންނަކީ ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، އުފެއްދުންތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއްކަމަށެވެ. މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް އެދިވަޑައިގެން، ނައިބު ރައީސް ވަނީ ދީނީ ކަންކަން ކުރިއެރުމާއި އަދި ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.