English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާއަށް ދަރިއަކު ލިބެން އުޅޭކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ކޮމެޑީ ސާކަސްގެ ސެޓުން ހަރްޝް އާއި ބާރްތީ ދިމާވެ ދެ މީހުން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ދެމީހުންވެސް ވަރަށް އަވަހަށް ކުއްޖަކު ބޭނުންކަމަށް މީގެ ކުރިން ބުނެފައިވާއިރު އެކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ހުރަހަކީ ބާރްތީގެ ބަރުދަންކަމަށްވެސް މީޑިއާ ރިޕޯޓްތައް ވަނި ބުނެފައެވެ. ބާރްތީގެ ހަށިގަނޑު 96 ކިލޯއަށްވުރެ ބަރުވުމުން އޭނާއަށް އެކި ކަހަލަ މައްސަލަތައް ކުރިމަތިވިއިރު، އެންމެ ފަހުން އޭނާވަނީ ހަށިގަނޑަށް ބޮޑު ބަދަލެއްގެނެސް ބަރުދަންވެސް ލުއިކޮށްފައެވެ. ބާރްތީގެ ހަށިގަނޑަށް އައި މި ބަދަލުތަކާއެކު އޭނާ އާއި ހަރްޝްގެ އުއްމީދުތައްވެސް ހަގީގަތަކަށް ވެއްޖެ ކަމަށް ގިނަ މީޑީއާތަކުން ވަނީ ބުނެފައެވެ.

ބާރްތީއަށް ދަރިއަކު ލިބެން އުޅޭ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު މިކަމާއި ގުޅޭ ގޮތުން މި ދެމަފިރިންގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް މީޑީއާތަކަށް މައުލޫތު ދެމުން ބާރްތީވަނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ރަސްމީކޮށް އިއުލާންކުރާނެކަމަށް ބުނެފައެވެ. ބާރްތީ އަށް ދަރިއަކު ލިބެން އުޅޭ ވާހަކަތައް އޭނާ ދޮގުކޮށްފައި ނުވާއިރު އޭނާގެ ގާތް ފަރާތަކުން ވަނީ ބާރްތީ އިނީ ބަލިވެކަމަށް ބުނެފައެވެ. އަދި މި ދުވަސްކޮޅު އޭނާ ޓީވީގެ މަސައްކަތްތަކުންވެސް ޗުއްޓީ އެއް ނަގާފައިވާކަމަށް ބާރްތީގެ އެކުވެރިޔާ ވަނީ ބުނެފައެވެ.

ބާރްތީ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަތައް، އޭނާގެ އާއިލާއިންނާއި ހަރްޝްވެސް ‘ސިއްރުކުރާ’ އެންމެ ބޮޑު ސަބަބަކީ އެހާ ގިނަ މައްސަލައްތަކަށް ފަހު ދަރިއަކު ލިބެން އުޅޭތީ އެކަން އެހެން މީހުންނަށް އަންގަން ބޭނުން ނުވުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.