English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ވ. އަތޮޅު ތިނަދޫ، ހިޔާ/ އަދުހަމް އަހްމަދު ރަޝީދުގެ ޝަރީޢަތް މިއަދު މެންދުރު އެކެއް ޖަހާ އިރު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެ ކުށަށް އިއުތިރާފުވެފައިވާތީ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގައި އަދުހަމް ކުށަށް އިއުތިރާފުވެފައިވާ އިރު، އެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ނެެވެ.

އެއީ އޭނާގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމާފަ އެވެ. އަދި އެގޮތަށް ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން ވެސް އެކަމަށް އެދުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އަދުހަމްގެ މައްޗަށް އުފުލާފައިވާ އިރު، މި ހަތަރު ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 37 އަހަރުގެ ހުކުމެއް އަންނާނެ އެވެ.

އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިޚްތިޔާރުގެ ދަށުން، ކުށަށް އިޢުތިރާފުވެ، ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއާ އެކު ދައުލަތުން ވަނީ 23 އަހަރުގެ ހުކުމަކަށް އެއްބަސް ވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމެވެ.

އެހާދިސާގައި ރައީސް ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި އިރު، އެވަގުތު އެތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ވަނީ އަނިޔާވެ، ނުރައްކާވެފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސް ވެސްވެފަ އެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްފަ އެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކުރި އެވެ.