English Edition
Dhivehi Edition

ވަކި މީހަކަށް ބެލުމެއްނެތި އިންސާފުވެރިކަމާއިއެކު މައްސަލަތައް ބަލައި ނިންމަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތައް ނުބެލި ލަސްވަމުންދާތީކަންބޮޑުވުން ފާޅު ކުރައްވާ އޭނާ ވިދާޅުވީ އޭސީސީގައި، ގިނަ އަދަދަކަށް ވައްކަމުގެ މައްސަލަތައް ނުބެލި ލަސްވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

“މައްސަލަތައް ބެލުމުގައި ވަކި މީހަކަށް ބެލުމެއްނެތި އިންސާފުވެރިކަމާއިއެކު މައްސަލަތައް ބަލައި ނިންމަން ޖެހޭ.” ނިހާދު ވިދާޅުވި އެވެ.

މެމްބަރު ނިހާދު މިފަދައިން ވިދސާޅުވެފައި މިވަނީ އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ އެމެމްބަރުން މަޤާމުން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ވެސް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެޓީން ވަނީ އޭސީސީގެ 5 މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީއަށް ޖަވާބު ދާރީ ކުރުމަށް ތާވަލްކޮށްފަ އެވެ. އަދި އެއަށްފަހު މެމްބަރުންނަށް ތާއީދު ނެތްކަމަށްވާނަމަ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވުމުން، އެކަމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

މެމްބަރު ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.