English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެ ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އިން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ޝަރީއަތުގައި ދެ ފަރާތުގެ ހުށަހެޅުންތަކަށް ބަހުސް ކުރުމަށްފަހު އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ވަރަށް މަދަނީ މިންގަނޑުން ހެއްކާއި ގަރީނާ ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ފުރައިގެން ގޮސްދާނެކަން ސާފުވާނެ އެއްވެސް ސަބަބެއް ދައުލަތުން ހުށަހަޅާފައިނުވާކަމަށް ވިދާޅުވެފައެވެ.

ހިފަހައްޓައިދިނުމަށް އެދިފައިވާ ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަން ފާހަގަކުރައްވާ އިސް ގާޒީ ވިދާޅުވީ ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނަކީ ޝަރީއަތަށް ބަރާބަރަށް ހާޒިރުވާ ބޭފުޅެއްކަން ފާހަގަކޮށް އިސް ގާޒީ ވިދާޅުވީ ދައުލަތުން އެދުނު ގޮތަށް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.