English Edition
Dhivehi Edition

ސާފުހިތަކުން ވެވޭ ލޯތްބަކީ ފަނާވެދާނެ އެއްޗެއް ނޫން ކަން މި ދެލޯބިވެރިންގެ ވާހަކައިން ވެސް އެނގެއެވެ. ބައެއް މީހުންނަށް އެމީހުން އެންމެ ލޯބިވާ މީހާ ކޮންމެވެސް ހިސާބަކުން ލިބި ހިތަށް ހަމަޖެހުން ލިބިގެންދެއެވެ. ޖަސްޓިން ޕައުންޑާސް އާއ އަމީ ގިބާރސަން ގެ ލޯތްބައްވެސް ވީ އެކަހަލަ ގޮތެކެވެ.

33 އަހަރުގެ ޖަސްޓިން އަށް އޭނަގެ ލޯބިވެރިޔާ އަމީ އާއި ދިމާވީ މެޗް.ކޮމް ކިޔާ އޮންލައިން ޕްލެޓްފޯމަކުންނެވެ. ފުރަތަމަ ނަޒަރުން ވެސް ޖަސްޓިން އަށް އަމީ ކަމު ދިޔައެވެ. އަދި ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ.

މި ދެމީހުން ކުރީގެ ގުޅުމެއް އޮތްކަން އެނގިގެން ދިޔަގޮތް , ޕީޕަލްސް މެގަޒިން އަށް އަމީ ކިޔައިދީފައިވަނީ މި ގޮތަށެވެ.

“ޖަސްޓިން އަބަދުވެސް މަޖަލަކަށް ހަދައިގެން ކިޔާނެ “އަމީ” މި ނަމަކީ އޭނާ ވަރަށް ލޯބިވާ ނަމެއްކަމަށް. އަދި އެއީ އޭނަގެ ޕްރީސްކޫލްގެ ކްރަޝްގެ ނަމޭވެސް ބުނާނެ. އެކަމާ އަހަރެން ވަރަށް ޖޯކު ޖަހަން. އަހަރެން ބުނަން ތިޔަ ބުނާ އަންހެން ކުއްޖާގެ ވާހަކަ އަޑުއަހަން ބޭނުމެއް ނޫނޭ. އަހަރެން ހީކުރީ އެހެން އަންހެން ކުއްޖެއް ކަމަށް” އަމީ ކިޔައިދީފައިވެއެވެ.

އެހާ ހިސާބުން އެއްދުވަހަކު ދެ މީހުންނަށް ވެސް އެނގުނީ ދެމީހުން ކިޔެވީ އެއް ޕްރީސްކޫލަކުން ކަމާއި އަދި އެއީ ފްލޮރިޑާގެ ސަންޝައިން ޕްރީސްކޫލު ކަންކަމެވެ. އަދި އެކަން އެނގުމުން އެމީހުން މައިންބަފައިން ގާތު ބުނެގެން ކުޑައިރުގެ އަލްބަމްތައް ބަލާހެދިއެވެ. އަމީ އަކީ ޖަސްޓިން ކުޑައިރުއްސުރެން އެންމެ ލޯބިވާ އަންހެން ކުއްޖާކަން އެނގުނީ ފޮޓޯތަކުންނެވެ.

“ޖަސްޓިން ގެ މަންމަ ދެއްކީ އަހަރެމެން ކުޑައިރު އެކީގައި ނަގާފައިވާ ފޮޓޯއެއް. އަހަންނަށް އެވަގުތު ބާރަށް ރޮއިގަނެވުނު. މިހުރިހާ ދުވަހު ޖަސްޓިން ހޯދަމުން ދިޔަ އޭނަގެ ލޯބިވާ އަމީ އަކީ އަހަރެންކަން އެނގުމުން. އެއީ ވަރަށް އެހެންކަހަލަ އިހްސާސެއް ކުރެވުނު ވަގުތުކޮޅެއް” އަމީ ބުނެފައިވެއެވެ.

އެމީހުން ބުނާގޮތުން ޕްރީސްކޫލްގައި ކިޔެވިއިރު ކުޅުމުގައްޔާއި ކުލާހުގައި ޖެހިޖެހިގެން އިށީނދެގެން ތިބުން ފަދަ ކަންތައް ތަކުގައި އެކީގައި ގިނަ ވަގުތު ހޭދަކޮށްފައިވެއެވެ. ޕްރީސްކޫލްގައި އެއީ ބެސްޓް ފްރެންޑްސް އެވެ. އަދި އޭރުވެސް ޖަސްޓިން އަށް ވަނީ ނޭނގި އަމީ ދެކެ ލޯބިވެ ހިތްދެވިފައެވެ. ކުޑަކުޑަ އަމީ އާއި ޖަސްޓިންއަށް 30 އަހަރު ފަހުން އެމީހުން ހަގީގީ ލޯބިވެރިންގެ ގޮތުގައި އަލުން ގުޅިދާނެ ކަމަށް ހީކުރެވިފައިވެސް ނެތެވެ.

ކޮންމެވެސް “ނޭނގޭ ބާރަކުން” އެމީހުން އަލުން މިތިބީ ގުޅުވައިފައި ކަމަށް ޖަސްޓިން ވަނީ ބުނެފައެވެ.

“މި ހުރިހާ ދުވަސްވަން ދެން އަހަރެން ދިޔައީ އަމީ ހޯދަމުން. އެކަމަކު ވަގުތު ޖެހުމާއެކު އަހަރެންގެ ލޯބި އަހަންނަށް ހާސިލްވީ. ކޮންމެ ކަމަކަށް ވެސް ރަނގަޅު ވަގުތެއް އޮންނާނެ. ވަގުތު ޖެހުމުން އެކަމެއް ވާނެ” އޭނަ އެންމެ ލޯބިވީ އަންހެން ކުއްޖާ އަމީގެ އަތުގައި ހިފައިގެން އިނެ އުފަލުން ޖަސްޓިންވަނީ ކިޔައިދީފައެވެ.