English Edition
Dhivehi Edition

“ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021” ގެ ދަށުން، މީހުން ތަމްރީން ކުރުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމް.ޓީ.ސީ.ސީ ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާއީލެވެ.

މިއެއްބަސްވުން ތަންފީޒު ކުރެވޭނީ “ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގެ މިންގަޑުތަކާއި ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެމް.ޓީ.ސީ.ސީ އިން މައުލޫމާތުދެއެވެ.

ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމް.ޓީ.ސީ.ސީ ގެ އެކި ވަޒީފާތަކަށް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްދާ މިޕްރޮގްރާމުގައި ހިމެނެނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. އެގޮތުން މިހާރު މިފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށްގެންދާނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ. މިއަހަރު މި ޕްރޮގްރާމުގެ ދަށުން 30 މީހުން ތަމްރީން ކުރެވިގެންދާނެއެވެ. އެކުންފުނީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން ، ވެލްޑިންގ، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ. އަދި ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ނަމަ ހުރުމާއި ކެއުން ހަމަޖައްސާ ދޭނެ ކަމަށާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ހަރަދުވެސް ދޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.