English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑު-19 ގެ އާ ވޭރިއެންޓު، އޮމިކްރޮން ވޭރިއެންޓް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ބަލީގެ އާ ވޭރިއެންޓު ފެނުނީ ކޮވިޑަށް ޕޮޒިޓިވް ޓޫރިސްޓެއްގެ ޖިނޮމިކް ސީކުއެންސިން ޓެސްޓު ހެދުމުން ކަމަށެވެ. އެހެންނަމަވެސް މިއީ ކޮން ގައުމަކުން ރާއްޖެ ދަތުރުކުރި ފަތުރުވެރިއެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއްނުވެއެވެ.

ސައުތު އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް ‘އޮމިކްރޯން’ ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ޤައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މި ގައުމުތަކުން ރާއްޖެއަށް މީހުން މަނާކުރިއިރު ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ވޭރިއަންޓް ފެނުނު ނަމަވެސް މިހާތަނަށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްނުވެއެވެ.