English Edition
Dhivehi Edition

ހޯނޑެއްދޫ ސްކޫލުގެ ބެލެނިވެރިންނަށް ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުން ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން މިމަހުގެ 02 ވަނަ ދުވަހު ހޯނޑެއްދޫ ސްކޫލުގައި ކުރިއަށްގެންދިޔަ އެ ސެޝަންގައި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމަކީ ކޮބައިކަމާއި އިންޓަރނެޓްގެ ޒަރިއްޔާއިން ހިންގާ ކުށްތަކާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އަދި މިހާރަކަށް އައިސް މީސްމީޑިއާގެ ޒަރިއްޔާއިން ކުޑަކުދިންނަށް އަމާޒުކޮށް ގިނަ ކުށްތަކެއް ހިނގަމުންދާކަމާއި އެކުށްތަކުން ކުދިން ރައްކާތެރިކޮށް ސަލާމަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކުގެ އިތުރުން ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި އެކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ ކުދިން ރައްކާތެރިކުރުމަށް އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ހޯޑެއްދޫ ކައުންސިލުން އެދިގެން ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ އެ ސެޝަންގައި ހޯނޑެއްދޫ ސްކޫލްގެ 45 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.