English Edition
Dhivehi Edition

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ސަރަޙައްދީ އިންޖީނުގެއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ބޮޑު އިންޖީނުގެ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެތަނުން ޚިދުމަތްދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޞަޢީދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ތިނަދޫ އިންޖީނުގޭގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޞަޢީދު ވިދާޅުވީ، ތިނަދޫ އިންޖީނުގެގެ މަސައްކަތް އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް އުންމީދަކީ ދާދި އަވަހަށް އެތަނުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ގދ. ތިނަދޫގައި ގާއިމްކުރާ އިންޖީނުގޭގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމައެއް ދެއްވަމުން ސަޢީދު ވަނީ މިހާރު ކުރިއަށް ދަނީ އިމާރާތުގެ ފާރުތަކުގައި ވޯލްސީލަރ ލުމާއި ކުލަލުން ފަދަ މަސައްކަތްތައް ކަން ފާހަގަކުރައްވާފައެވެ. އަދި ތިނަދޫ އިންޖީނުގެ ނިމިގެންދިއުމުން އެރަށުގައި އެ ޤާއިމްކުރެވުނީ ދިވެހިރާއްޖޭގެ ރަށެއްގައި ޤާއިމްކުރެވޭ އެންމެ މިޒަމާނުގެ އިންޖީނުގެ ކަމަށެވެ.

“އެއްވެސް އަޑެއް ނުހުންނާނެ. ހަމަ މާލޭގައި އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރެވޭ އިހުސާސް ހަމަ ތިނަދޫގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކުރެވޭނެ. މާނައަކީ އިންޖީނުގެއް ހުންނަކަން އެނގޭނީ. އަޑެއް ނުހުންނާނެ. ހަމަ އެތަންތަނަށްވެސް ބޭނުންކޮށްފައި ހުރި މެޓީރިއަލް ބޭނުންކޮށްގެން ތަން ހަދާފައި ވާނީ” އަޙްމަދު ޞަޢީދު ވިދާޅުވިއެވެ.

100 ކިލޯ ވޮޓްއިން ފެށިގެން 1000 ކިލޯވޮޓްއާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން މިހާރު އެބަހުރިކަމަށް ފެނަކަައިން ވަނީ ހާމަކޮށްފައެވެ. އަދި މިއިންޖީނުގެއާއެކު ތިނަދޫ ހިމެނޭ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚިދުމަތްތައް ފުޅާކޮށް މައްސަލަ ދިމާވާ ޖެންސެޓްތަކާއި ކުންފުނިން ގެންގުޅޭ އެހެނިހެން މެޝިނަރީޒްތައް އެސެމްބަލްކޮށް، މަރާމާތުކުރުމަށް އެރަށުގައި ސަރަހައްދީ ވޯކްޝޮޕެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އެވޯކްޝޮޕް އޮޕަރޭޝަނަަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަޢީދު ވިދާޅުވިއެވެ.

“ސަރަޙައްދީ ބޮޑު ވޯކްޝޮޕެއް ތިނަދޫގައި ހަދަނީ. އަންނަ އަހަރުގެ މެދުތެރޭގައި އެތަން ބޭނުންކުރެވެން ފަށާނެ. އެތަން ވެގެންދާނީ ރާއްޖޭގައި ހުރި އެވަރުގެ އެންމެ ކޮލިޓީ ރަނގަޅު، ޚިދުމަތްދެވޭ ބޮޑު، ވޯކްޝޮޕަކަށް ވެގެންދާނެ” ޞަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ގދ. ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި، އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށް ވެސް ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދަނީ އެ ސަރަޙައްދުގައި ހިޔާކޮށްގެން ހަދާފައިވާ ވަގުތީ ތަނެއްގައެވެ.