English Edition
Dhivehi Edition

އިގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެޓްފޯޑްގެ މައްޗަށް ކުރިހޯދައި ލީގު ތާވަލުގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ވެޓްފޯޑްގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 1-3 ގެ ނަތީޖާއިންނެވެ.

ރޭ ވެޓްފޯޑް އަތުން މޮޅުވެ ސިޓީއަށް ތާވަލްގެ އެއްވަނަ ލިބުނީ ވެސްޓް ހޭމް އަތުން ޗެލްސީ ބަލިވެފައި ވުމުންނެވެ. ރޭ ކުޅުނު މި މެޗުން ވެސްޓް ހޭމް އަތުން ޗެލްސީ ބަލިވީ 2-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެން ހާފުގެ ވަރަށް ކުރީކޮޅު ސިޓީން ލަނޑު ޖަހާ ލީޑުނެގިއެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރ ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ރަހީމް ސްޓާލިން އެވެ. މި ލަނޑަށް ފަހުވެސް ސިޓީން ރަނގަޅަށް ކުޅެމުން ދިޔައިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރ ބެނާޑޯ ސިލްވާ އެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު ސިޓީން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފަށްް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. މި މެޗުގައި އެޓީމުގެ ތިންވަނަ ލަނޑު ދެ ވަނަ ހާފުގެ 61 ވަނަ މިނިޓްގައި ކާމިޔާބު ކުރިއިރު، މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މެެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ބެނާޑޯ ސިލްވާ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.

ވެޓްފޯޑްގެ ހަމަ އެކަނި ލަނޑު މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކޮލަމްބިޔާ ފޯވާޑް ކޫކޯއެވެ.

ރޭގެ މި މޮޅާއި އެކު ސިޓީން ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ ކުޅުނު 15 މެޗުން ލިބުނު 35 ޕޮއިންޓާ އެކު އެވެ.