English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން ބާސެލޯނާ ބަލިވިއިރު، ރަށުން ބޭރުގައި ރެއާލް ސޮސިއޭދާދާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލް ބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެންް ރަނގަޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީވެސް ބާސެލޯނާއިންނެވެ. މެޗު ފެށިގެން 10 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭޒް ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ފިލިޕޭ ކުޓީނިއޯ ހުސްކޮށް ހުރެ ފޮނުވާލި އިރު، މި ހަމާލާގެ ހުރަހަކަށް ވީ ރެއާލް ބެޓިސްގެ ކީޕަރު ރުއި ސިލްވާއެވެ. މި ހާފުގައި ރެއާލް ބެޓިސްއަށް ބާސާގެ ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮވެ ނިމުނުއިރު، ފަހުހާފުގެ ކުޅުން ފެށިގެން 51 ވަނަ މިނެޓުގައި ރެއާކް ބެޓިސް އިން ވަނީ ބާސާގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް މިއީ އޮފް ސައިޑް ލަނޑެއް ކަމަށް ނިންމާ މި ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އޭގެ ފަހުން ބާސާއިން ރެއާލް ބެޓިސްގެ ގޯލާއި އަމަޒުކޮށް ފުލުފުލު ތިން ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ޑެމްބެލޭގެ މި ހަމަލާތައް ގޯލާއި އަމާޒުވެފައެއް ނުވެއެވެ.

ރެއާލް ބެޓިސް އިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. ބާސާގެ މުޅި ޓީމު ކުރިޔަށް ޖެހިލާފައި އޮތް ވަގުތު ކައުންޓަރ އެޓޭކުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓެލޯގެ އެހީތެރިކަމާއި އެކު ޖުއާން މިގޭޒް ޖިމެނޭސް އެވެ. މި ލަނޑާއި އެކު ބެޓިސް މޮޅުވިއިރު، މި މޮޅާއި އެކު ބެޓިސް ވަނީ ތާވަލްގެ ތިން ވަނައަށް ޖެހިލާފައެވެ. އެޓީމު ތިން ވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. ރެއާލް ބެޓިސް އަތުން ބަލިވި ބާސާ އޮތީ 23 ޕޮއިންޓާއި އެކު ތާވަލުގެ ހަތް ވަނާގައެވެ.

ރަށުން ބޭރުގައި ރެއާލް ސޮސިއެދާދާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެފައި ވަނީ 0-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ރެއާލް އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް ފަހު ހާފުގައި ޖަހާފައިވާއިރު، ރެއާލްގެ ލަނޑުތައް ޖަހައިދިނީ ވިނިސިއަސް ޖޫނިއަރ އާއި ލުކަ ޖޮވިޗްއެވެ.

މި މޮޅާއި އެކު ރެއާލް އިން ވަނީ ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ.