English Edition
Dhivehi Edition

ނަސްރުގެ ދުވަހުގެ ހާދިސާ ހިނގިއިރު ހުންނެވި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމަށް އެދުވަސް ފާހަގަ ނުކުރުން ބޮޑު ކަމަކަށް ނުވިއިރު އެމަނިކްފާނުވެސް ދެން އެދުވަސް ފާހަގަ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. “މަރުޙަބާ ރައީސް ޔާމީން” ގެ ނަމުގައި މިރޭ އިދިކޮޅުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ކޮންމެ ކަމެއްވަނީ ސިއްކަ ޖެހިފައިކަމަށް ވިދާޅުވާއިރު ސަރުކާރު ފެށުނީވެސް ސިއްކަ ޖެހިގެންކަމަށާއި 88 އާއި ހަމައިން ނޮވެންބަރު 3 ވެސް އެއީ ހަނދާންކުރާ ދުވަހަކަށް މިހާރު ނުވާކަމަށެވެ. މި ރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމާމެދު ރައީސް މައުމޫނު ކަންބޮޑުވެ ވަޑައިނުގަންނަވާތީ ފާޑު ވިދާޅުވިއެވެ.

” އެޙާދިސާ ހިނގި ދުވަހު ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވީ އަޅުގަނޑުގެ ބޭބެ. ރައީސް މައުމޫނަކަށް މިއަދު އެއީ ކަމެއްނޫން. މައްސަލައަކަށް ނުވޭ. އެހެންވީމާ ދެންކީއްކުރަންތޯ އަޅުގަނޑުމެން ނުކުމެ އެދުވަސް ފާހަގަ ކުރަންވީ. ” ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންނަމަވެސް މަރުވީ ދިވެހި ރައްޔިތުންކަމާއި ޝަހީދުވެގެންދިޔަ ސިފައިންގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށާއި ޝަހީދު ޙުސެއިން އާދަމަކީ ޤައުމީ ބަޠަލެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ވަރަށް ޖޯޝުގައި ހުންނަވައިގެން އެމަނިކުފާނުދެއްކެވި ވާހަކަފުޅުގައި މިމައްސަލާގައި ހަނުން ތިއްބެވި ޤައުމީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ”އިންޑީއާ އައުޓް“ ކެމްޕެއިން އަކީ މަދުބަޔަކު ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއީ އަސްލެއް ނެތް ވާހަކަ އެއް ކަމަށާއި، ގައުމުގެ ގިނަ ރައްޔިތުން އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުމަށް ގޮވާލަމުން އަންނަ ކަމަށެވެ.

“މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. މިއަދު ރަސްމީކޮށް މިދަންނަވަނީ އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ރާއްޖެ އިން ފައިބަން.” ރައީސް ޔާމީން ވިދާޅުވިއެވެ