English Edition
Dhivehi Edition
ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީ ގެ ސީއީއޯ އާއި އެއްކޮށް ބޭއްވުނު ބައްދަލުވުން - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލާ، އެ ޕްލޭން ފާސްކޮށްފިއެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭނާއެކު އެ ސިޓީގެ އާބަން ޑިވެލޮޕްމެންޓް ޕްލޭނާއި ފައިނޭންޝަލް ޕްލޭން ވެސް ވަނީ ފާސްކޮށްފައެވެ. ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން ފާސްކުރުމަށް ބޭއްވި ޖަލްސާގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީޤު ވިދާޅުވީ ފުވައްމުލައް ސިޓީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި ތަރައްޤީގެ މައިގަނޑު އަސާސްތަކަށް ބަލާފައިވާނެ ކަމަށެވެ، މި ގޮތުން ފަސް އަހަރު ދުވަހުގެ ޕްލޭން އެކުލަވާލުމުގައި ބަލާފައިވާ މައިގަނޑު އަސާސްތަކަކީ

  • ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުން
  • ސިއްޚީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން
  • އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުން
  • ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުން
  • ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން ދެމެހެއްޓުން
  • އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ގުޅުން ބަދަހި މުޖުތަމައެއް ބިނާކުރުން
  • ހަމަހަމަކަން ގާއިމުކޮށް، ގެދޮރު ވެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުން
  • އިސްލާމްދީނުގެ އަޤީދާ ވަރުގަދަކޮށް، ރަށުގެ އާދަކާދައާއި ސަގާފަތް ކުރިއެރުވުން
  • ކަންކަން ނިންމުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން
  • ޒިންމާދާރު ހިދުމަތްތެރި ކައުންސިލެއް އުފެއްދުން

މީގެ އިތުރުން މޭޔަރު ވިދާޅުވީ ކައުންސިލުން ފާސްކުރެވިގެން ދިޔަ އާބަން ޑިވެލޮޕްމެންޓް ޕްލޭން ނުވަތަ ލޭންޑްޔޫޒް ޕްލޭނަކީ އެންމެ ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ޕްލޭނެއް ނޫންކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކުރަން ޖެހެތީ މިވަގުތަށް ލޭންޑް ޔޫޒް ޕްލޭން ފާސްކުރީ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް އަހަރު، ޚާއްސަ އިސްކަމެއް ދީގެން ފަންނީ މާހިރުން ބޭނުންކޮށްގެން ފުވައްމުލައް ސިޓީގެ ލޭންޑް ޔޫޒް ޕްލޭން އަލުން އަކުލަވާލަން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ޕްލޭން އެކުލަވާލުމަށްޓަކައި ކަމާއި ގުޅޭ އެކި ދާއިރާތަކުގެ މީހުންނާއި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.