ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޝޯޓްބޯޑް އިވެންޓްގެ ޗެމްޕިއަންކަން ގދ. ގައްދޫ ޓައިގާ ވޭވްސް ސްޕޯޓްސްގެ ހޫދު އަހުމަދު ހޯދައިފިއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހޫދަށް ޓްރޮފީ އާއި މެޑަލްއާއި ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. ހޫދަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ދެ ވަނަ އަށް ދިޔަ ސަރފަރުވެސް މެއެވެ. ފިރިހެން ޝޯޓް ބޯޑް ކެޓަގަރީން ދެ ވަނަ ދިޔައީ އަހުމަދު އާގިލެވެ. މި ބައިން ތިންވަނަ ހޯދީ ނަޖާހު މުހައްމަދެވެ.
ހޫދު ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލް ޙީޓުގައި އަހްމަދު އާގިލް (އައްމަޑޭ) އާ ވާދަކޮށް ދެޕޮއިންޓުގެ ތަފާތުންނެވެ. ފައިނަލް ހީޓް ހޫދު ކާމިޔާބު ކުރީ 10.26 ޕޮއިންޓުންނެވެ. އައްމަޑޭ އަށް ސްކޯރ ކުރެވުނީ 8.60 ޕޮއިންޓެވެ.
މުބާރާތުގެ ޓީމު އިވެންޓުން އެއްވަނަ ހޯދީ މާލޭ ޓީމުންނެވެ. ދެވަނަ ހޯދީ ގދ. ގައްދޫ ޓީމެވެ. އަދި ތިން ވަނަ ހޯދީ ރަސްމާދޫ ޓީމެވެ.
ގައްދޫ ޓީމުން ވަނީ މުބާރާތުގައި 3،190 ޕޮއިންޓް ހޯދާފައެވެ. މި މުބާރާތުގައި ޖުމުލަ 14 ރަށަކުން ވަނީ ޓީމު ވާދަކޮށްފަ އެވެ. އެގޮތުން ހުވަދުއަތޮޅުން ގައްދޫގެ އިތުރުން ވާދޫގެ ޓީމެއްވެސް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން ޤައުމީ ރާޅާ އެޅުމުގެ މުބާރާތް މެދުކެނޑިފައި އޮތުމަށްފަހު މުބާރާތް ފަށާފައި ވަނީ މިމަހުގެ ތޭވީސް ވަނަ ދުވަހުއެވެ. މި ފަހަރުގެ ޤައުމީ ސާފިން މުބާރާތުގައި 6 ޑިވިޜަނެއްގައި 25 ރަށަކުން 14 ޓީމް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 102 ރާޅާއެޅުންތެރިން ހިމެނެއެވެ.