English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލުން ތިނަދޫގައި ތިބި ސަރުކާރުގެ މުއައްސަސާތަކަށާއި އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތިނަދޫ ޕަބްލިކް ވޯކްސްއިން ހޯދައިފިއެވެ.

ރޭ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ، ކާޑެއްދޫ އާއި ތިނަދޫ ޕަބްލިކް ވޯކްސް ޓީމެވެ. މި މެޗު ޕަބްލިކް ވޯކްސް އިން ކާމިޔާބުކުރީ 4 – 3 ގެ ނަތީއްޖާ އަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ޕަބްލިކް ވޯކްސްއިންނެވެ. އެހެން ނަމަވެސް ކައުންޓަރ އެޓޭކުތަކުން ކާޑެއްދޫ ޓީމުން ވަނީ ޕަބްލިކް ވޯކްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ކާޑެއްދޫއިން ކުރި އެޓޭކްތަކުގެ ހުރަހަކަށް ވީ ޕަބްލިކް ވޯކްސްގެ ކީޕަރެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޭނާ ވަނީ މުހިންމު ސޭވްތަކެއް ކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގައި ކާޑެއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް އެޓީމަށް ޕަބްލިކް ވޯކްސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ވަނީ ނުވެފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ތިނަދޫގައި ފެށުނު ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް ޓޯނަމެންޓް 2021 ގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. ރޭގެ މެޗު ޝަރަފުވެރި ކޮށްދެއްވަމުން އެސް.ޓީ.އޯ ގެ އެމްޑީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޤައުމީ ފެންވަރުގައި ތިނަދޫގެ ޓީމެއް ކުޅޭތަން ފެނުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވެ ތިނަދޫގެ އިތުރުންވެސް އެހެނިހެން ރަށްރަށުގައި ބާއްވާ މިފަދަ މުބާރާތްތަކުގައި އެސް.ޓީ.އޯ ގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް ޓޯނަމެންޓް 2021 ގައި ޖުމުލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ.