English Edition
Dhivehi Edition

މަނީ ލޯންޑްރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުއަށް ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވިއެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ކަމެވެ. ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ބުނަމުންނެވެ.

ޔާމީންގެ މައްޗަށް ދައުވާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތްކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާ ކުރަން އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާ ކުރެއްވީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ.

ރައީސް ޔާމީން މިނިވަން ވުމާއެކު ގިނަ ބަޔަކު ދަނީ އެކަމަށް އަޑު އުފުލާ އުފާފާޅުކުރަމުންނެވެ.

ރައީސް ޔާމީން މިނިވަން ވުމުން އާއްމުން އުފާފާޅުކުރަނީ/ފޮޓޯ މީސްމީޑިއާ