English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ރެއިންބޯ ކޮންސްޓްރަކްޝަން އިން ވަނީ އައްޑޫ ސިޓީގައި ހައުސިންގް ޕްރޮޖެކްޓެއް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރެއިންބޯއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އިއްޔެ އައްޑޫ ސިޓީ ކައުންސިލާއި އެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

މިހާރުވެސް އައްޑޫ ސިޓީގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރަމުން އަންނަ ރެއިންބޯ ކޮންސްޓްރަކްޝަން އިން ވަނީ އައްޑޫ ސިޓީގައި ހައުސިންގް ޕްރޮޖެކްޓެއް ފެށުމަށާއި، އެހެނިހެން ދާއިރާ ތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވަނީ އައްޑޫ ސިޓީގައި އިންވެސްޓްކުރުމަށް ގަސްތުކުރާ ފަރާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާ، އެފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

މިހާރުވެސް ރެއިންބޯ ކޮންސްޓްރަކްޝަން އިން އައްޑޫ ސިޓީ ހުޅުދޫ ޑްރަގް ޑިޓޮކްސްސިފިކޭޝަން ސެންޓަރގެ މަސައްކަތްކުރަމުން އަންނައިރު މި މަޝްރޫއުގެ މަސައްކަތް ޑިޒައިންކޮށް އިމާރާތްކުރުމަށް ރެއިންބޯ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ 24 ނޮވެމްބަރު 2020 ވަނަ ދުވަހުއެވެ، ހުޅުދޫގައި މި ގާއިމް ކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓަރަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ 200 މިލިއަން ރުފިޔާގެ (13 މިލިއަން ޑޮލަރު) ގްރާންޓްގެ ދަށުން ރާއްޖޭގައި ހިންގެމުންދާ 30 ކުދި އަދި މެދުމިނުގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުއެކެވެ.