English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމި ‘ފުވައްމުލައް ކަލަ ރަން’ ބާއްވާ ތާރީހު ފަސްކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ބޭއްވުމަށް ނިންމާފައިވާ މި ދުވުން ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރު 2021 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައިކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މި އެވެންޓް އިންތިޒާމުކުރާ ފަރާތުން ބުނީ އިވެންޓް ފަސްކޮށްލަން ޖެހުނީ މި ދުވުމުގައި ބައިވެރިވާ ކުޑަކުދިންގެ ޓީޝާޓްގެ ސައިޒަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުވުންތެރިންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ނިންމާފައިވާއިރު ދުވުމުގެ ބައިވެރިންނަށް ޓީޝާޓްވެސް ވަނީ ހަވާލުކޮށްފައެވެ. ލޮޓަސް ބައިކް ފިހާރައިން ސްޕޮންސާކޮށްފައިވާ މި ދުވުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެވެއާ ސޮސައިޓީ އާއި ފުވައްމުލައް ރަނާސް ކްލަބުގެ އިތުރުން ރަން ފޯ މޯލްޑިވްސް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލައް ސިޓީ އަކީ އަބަދުވެސް މިފަދަ ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ބާއްވަމުން އަންނަ ސިޓީއަކަށް ވާއިރު، އަލަށް އިންތިހާބުވި ކައުންސިލުން އަންނަނީ އެކިއެކި ފަރާތްތަކުން ބާއްވާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެ ފަރާތްތަކަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ސިޓީގައި ކުޅިވަރު ކުރިއަރުވާއި އާލާކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ،