English Edition
Dhivehi Edition

އެކިއުޓް ލުކީމިއާ (ލޭގެ ކެންސަރު) ޖެހިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ގދ.ތިނަދޫ އައިމިނަތު ޝައިހާ ޝަހީދު(13އ) ނިޔާވެއްޖެއެވެ.

ޝައިހާ ބަލިވެގެން މާލެ ގެނައީ މިދިޔަ ހަފްތާގައެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ވެންޓިލޭޓަރުގައި ފަރުވާދީ، ރާއްޖެއިން ހެދެން ހުރި ޓެސްޓްތައް ހެދުމުން ޝައިހާއަށް އެކިއުޓް ލުކީމިއާ (ލޭގެ ކެންސަރު) ޖެހިފައިވާކަމަށް ވަނީ ދައްކާފައެވެ. އަދި އެ ކުއްޖާއަށް އެހީވުމަށް ސޯޝަލް މީޑިއާގައިވަނީ ބޮޑު ކެމްޕެއިނެއްވެސް ކޮށްފައެވެ.

ޝައިހާގެ އާއިލާ މީހަކު ކުރި ޕޯސްޓެއްގައި ބުނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ރޭ ފަތިހު ވަރަށް ބޮޑަށް ޙާލު ދެރަވެ، ޝައިހާ ނިޔާވެފައިވާކަމަށެވެ. އަދި ޝައިގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް ގެނައުމަށް އާއިލާއިން މިހާރު މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެވުނުހާ އަވަހަކަށް ޖަނާޒާގެ ކަންކަން ހަމަޖައްސައި އެކަން ޙިއްސާކުރާނެކަމަށެވެ.

މީގެ އިތުރުން އާއިލާއިން ވަނީ ޝައިހާގެ ފަރުވާއަށް އެހީތެރިވެދިން ފަރާތްތަކާއި، ހެޔޮ ދުޢާ ކޮށްދިން ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރީގެ ޙާލަތު މިގޮތަށް ބަދަލުވުމާއި ގުޅިގެން ޝައިގެ ފަރުވާއަށް މާލީ އެހީ ހޯދުމަށް އެދި ކޮށްފައިވާ ޕޯސްޓްތައް ޙިއްސާ ކޮށްދެއްވާފައިވާ ބޭފުޅުން އެ ޕޯސްޓްތައް ޑިލީޓް ކޮށްދެއްވުމަކީ އާއިލާ އިން ވަނީ އެދިފައެވެ

މާތް ﷲ ޝައިހާގެ ފާފަ ފުއްސަވައި، ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.