English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން ޑިސެމްބަރު މަހު ގެ 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމު ހުށެހެޅުމަށް ވަނީ އެދިފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ 21 ޑިސެމްބަރު 2021 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މަގްސަދަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މެދުގައި އިޖްތިމާއީ ރޫހު އާލާކޮށް ހުނަރުވެރި މޮޅު ކުޅުންތެރިން އުފެއްދުމެވެ. އަދި މި މުބާރާތަކީ ކުޅުންތެރިންނަށް، ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ އަވަށަކުން ދެ ޓީމު ކަމަށެވެ. މީގެ އިތުރުން ކައުންސިލުން ބުނީ މި މުބާރާތް ކުރިއަށް ގެންދެވޭނީ މަދުވެގެން 04 ޓީމު ބައިވެރިވުމުން ކަމަށާއި މުބާރާތުގައި ހަ ޓީމަށް ވުރެ މަދުން ބައިވެރިވެއްޖެ ނަމަ ކުޅޭނީ ލީގު އުސޫލުން ކަމަށެވެ. އަދި ފައިނަލްގައި ކުޅޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ މުބާރާތުގައި 07 ޓީމަށް ވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެން ކަމަށެވެ. މި މުބާރާތުގެ ޓީމް ލިސްޓުގައި ރަށުން ބޭރުގެ ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ޓީމްތަކަށް ދީފައިވާއިރު، މެޗު ކުޅޭ ވަގުތު ދަނޑުމަތީގައި ހުރެވޭނީ އެއް ކުޅުންތެރިއަކަށް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.