English Edition
Dhivehi Edition

ސްޓާފް ސާޖަންޓް ޙަސަން ފަހީމް ރޭގެ ވަގުތެއްގައި ރަހީނުކޮށްގެން އަނިޔާކޮށް މަގުމައްޗައް އެއްލާލާފައި ވާ މައްސަލަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑިއެފް)އިން ކުށްވެރިކޮށްފިއެވެ.

މިކަމާގުޅޭގޮތުން އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ “ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަމަށާއި އެއަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުން ދާ ކަމަށެވެ.

ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ. ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދުވަނީ ގެއަށް ދޫކޮށްލާފައެވެ. އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަރަށް ގާތުން ދަނީ ބައްލަވަމުންނެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާ ގުޅުއްވައި ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބެއްލެވުމުގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ އަނބިކަނބަލުންނަށް ފޯނުންގުޅުއްވައި، މިކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށާއި އެމް.އެން.ޑީ.އެފްގެ ސީނިއަރ ލީޑަޝިޕުން ވަނީ މިއަދު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ސްޓާފް ސާޖަންޓް ޙަސަން ފަހީމްގެ ހާލު ބައްލަވާ ލައްވާފައި ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަހީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ހިނގާފައި ދަނިކޮށް ކަމަށް މަޢުލޫމަތު ލިބެއެވެ. އަދި ފަހީމްއަށް ރަހީނުކޮށް، އަނިޔާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.