English Edition
Dhivehi Edition

ގދ. ތިނަދޫ އިން ކައްކާ ގޭސް ހުސްވެ އެރަށަށް ގޭސް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑު ދަތުރުފަތުރު ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާތީ ކަމަށް ތިނަދޫއަށް ގޭސް ގެންނަ ވެލްކޯ ޝިޕިން އެންޑް ޓްރޭޑިން އިން ބުނެފިއެވެ.

ތިނަދޫއިން ކައްކާ ގޭސް ހުސްވުމުގެ ކުރިން ގޭސް ގެނައުމުގެ މަސައްކަތް އެކުންފުނިން އަބަދުވެސް ކުރާ ކަމަށާއި ނަމަވެސް މިފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއި އެކު ގޭސް ހިފައިގެން ތިނަދޫއަށް ފުރަން އޮތް ބޯޓު ފުރުމުގައި ލަސްތަކެއް ދިމާވިކަމަށް ވެލްކޯއިން ބުނެއެވެ.

ގޭސް ފޯރުކޮށްދިނުމުގައި ސްޓޮކަށް ދިމާވާ ދަތިތައް މޯލްޑިވްސް ގޭސް މެދުވެރިކޮށް ހައްލުކޮށް ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ވެލްކޯއިން ކޮންމެ ހަފްތާއަކު ތިނަދޫއަށް ބޭނުންވާ ވަރަށް ގޭސް އަންނަނީ ސަޕްލައި ކުރަމުންނެވެ. އެކުންފުނިން މައުލޫމާތު ދިން ގޮތުގައި ހަފްތާއެއްގެ މައްޗަށް 500 ފުޅި ގޭސް ތިނަދޫއަށް ބޭނުންވާއިރު ބޭނުންވާ ވަރަށްވުރެ އިތުރަށް އަބަދުވެސް ސަޕްލައި ކުރަމުންދެއެވެ.

އެހެންނަމަވެސް ގޭސް ސަޕްލައި ކުރަނީ ކަނޑުމަގުން ކަމަށްވާތީ މޫސުން ގޯސް ވުމާއި ގުޅިގެން ދަތިތަކާއި ކުރިމަތިލާންޖެހުމަކީ ވެލްކޯއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ވެލްކޯ އިން ބުނެއެވެ.