English Edition
Dhivehi Edition
އައްޑޫ އަށް ލެއްގި ބޮޑުމަސް: މި މަހުގެ ދިގުމިނުގައި 30 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ

ސްޕަރމް ވޭލް ، ދިވެހިންގެ އާންމު ނަމުންނަމަ “އޮޑިކާ ބޮޑުމަސް” ނުވަތަ “މާވަހަރު ބޮޑުމަސް” އަކީ ކޯމަސް އާއިލާގެ ތެރެއިން އެންމެ ދަތް ބޮޑު މަހުގެ ގޮތުގައި ފާހަގަ ކޮށްލެވޭ މިހާރު ވަރަށް މަދުން ފެންނަ ވައްތަރެއްގެ މަހެކެވެ. ބޮޑު މަސް ދިރާސާކުރާ ސައެންސްވެރިން ލަފާކުރާ ގޮތުގައި މިހާރު ދުނިޔޭގެ ކަނޑުތަކުގައި އުޅޭ ސްޕަރމް ވޭލްގެ އާބާދީއަކީ ގާތްގަޑަކަށް 300000 އެވެ.

ސްޕަރމް ވޭލް އާއްމުކޮށް ދިރިއުޅެނީ 1000 މީޓަރ ނުވަތަ 3200 ފޫޓް ކަނޑު އަޑީގައެވެ. މިއީ ދުނިޔޭގެ ކަނޑުގެ ދިރުން ތަކުގެ ތެރެއިން 3 ވަނަ އަށް އެންމެ އަޑީގައި ދިރިއުޅޭ ބާވަތެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ވިހެއުމަށާއި އަދި ކާނާ ހޯދުމަށް އެކި ސަރަހައްދުތަކަށް މި މަސް ހިޖުރަކުރާ ކަމަށް ވެއެވެ.

މިއާއިލާގެ އަންހެން މަސް އޭގެ ދަރިންނާއެކު ގުރޫޕްކޮށް ދިރިއުޅޭ އިރު ބޮޑެތި ފިރިހެން މަސް ދިރިއުޅެނީ މުޅިން އެކަހެރިކޮށެވެ.

ބޮޑެތި މަސް އެވްރެޖް ގޮތެއްގައި 16 މީޓަރަށް (52 ފޫޓް) ގެ ދިގުމިނުގައި ބޮޑުވާއިރު ބައެއް ފަހަރު 20.7 މީޓަރު (68 ފޫޓަށް) ވެސް މި އާއިލާގެ މަސް ބޮޑުވެއެވެ. މީގެ އިތުރުން މި މަސް ފާހަގަ ކޮށްލެވެނީ ދުނިޔޭގައި އެންމެ ބޮޑު ސިކުނޑި ހުންނަ ދިރޭ އެތީގެ ގޮތުގައެވެ. މީގެ ސިކުނޑީގެ ބަރުދަން އިންސާނެއްގެ ސިކުނޑީގެ 5 ގުނަ ބަރުދަނާއި އެއްވަރު ކަމަށް ވެއެވެ. އަދި 70 އަހަރަށް ވުރެ ގިނަ އަހަރު ވަން ދެން މި މަސް ދިރިއުޅޭ ކަމަށް ވެސް ވެއެވެ.

ސްޕަރމް ވޭލްގެ ދަތަކީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގުގައި ވިއްކާލެވޭ އެއްޗެކެވެ. މީގެ ދަތެއްގެ އެވްރެޖް އަގު އުޅެނީ 300 ޔޫ އެސް ޑޮލަރާއި 400 ޔޫ އެސް ޑޮލަރާ ދެމެދުގައެވެ. އެހެންވުމުގެ ސަބަބަން މި ދަތުގެ ވިޔަފާރިއަކީ ވެސް ސްމަގްލިން ވިޔަފާރިއެއްކަމުގައި ވަނީ ވެފައެވެ.

ބައެއް ގައުމު ތަކުގައި އެ ތަކެތި ހިމާޔަތް ކުރުމުގެ ގޮތުން ސްޕަރމް ވެއިލްގެ އެއްވެސް ބައެއްގެ ޓްރޭޑިން އަކީ ގާނޫނުން މަނާ ކޮށްފައިވާ ކަމެކެވެ. 1972 ކުން ފެށިގެން އެމެރިކާގައި ސްޕަރމް ވޭލްގެ އެއްވެސް ޕްރޮޑަކުޓެއްގެ ވިޔަފާރި ކުރުން ވަނީ ގާނޫނަކުންވެސް މަނާކޮށް ފައެވެ.

ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ މާހައުލުގައި އުޅޭ މަހެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ބޮޑުމަސް ވަދެ އުޅެއެވެ. އަދި މަރުވެފައިވާ މިފަދަ މަސްތައް ރާއްޖޭގެ ބައެއް ރަށްރަށަށް މީގެ ކުރިންވެސް ލައްގާފައިވެއެވެ.

މި މަސް މިފަދަ ގޮތަކަށް މަރުވެ ލައްގާ މައިގަނޑު ސަބަބަކަށް ވެފައިވަނީ ޕްލާސްޓިކު ފަދަ ކުނިބުނިން ކަނޑުތައް ނުސާފުވުމުގެ ސަބަބުންކަމަށް ދިރާސާތަކުން ބުނެއެވެ. ޔޫރަޕާއި އެމެރިކާ ބައްރުގެ ގައުމު ތަކުގައި މަރުވެގެން ލައްގާ ބޮޑު މަހުގެ ބައޮޕްސީ ހަދައެވެ. އަދި މަސް މަރުވީ ސަބަބު ދެނެ ގަންނަން މަސައްކަތް ކުރެއެވެ. މި ގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގައި ސްޕެއިން އަށް ލެއްގި މަހެއްގެ ބައޮޕްސީ ނަތީޖާއިން ދައްކާފައިވަނީ ގިނަ އަދަދަކަށް އޭގެ ގޮހޮރުގައި ޕްލާސްޓިކްގެ ބާވަތްތައް ހުރެގެން އެމަހުގެ ބަނޑުގައި އުފެދުނު އިންފްލެމޭޝަންގެ ނަތީޖާ ކަމެވެ.

ސްޕަރމް ވޭލްގެ ދަތަކީ އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗަކަށް ވުމުން މި ގޮތަށް ލައްގާ މަހުގައި ހުންނަ ދަތްތައް ނަގައިގެން ވިއްކާ ހަދާ މީހުންވެސް މަދެއް ނޫނެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި މަދުން ނަމަވެސް މި ފަދައިން ލައްގާ މަހުގެ ކަށިތައް ސާފުކޮށް ރީތިކޮށް ހަދައިގެން އެ ރަށަށް އަންނަ މީހުންނަށް ދަައްކާލަން ޝޯކޭސް ކޮށްފައި ވެސް ބަހައްޓައެވެ.

ގިނަ ރަށްރަށުގައި ހަދާ ގޮތަކީ މި ގޮތަށް ބޮޑުމަހެއް ލައްކޮށްފިނަމަ އެންމެ ފުރަތަމަ އެ މަސް ވަޅުލަނީއެވެ. އަދި މަސްގަނޑުވިރި ހުސްވުމުން ކަށިތައް ނަގައިގެން ކެމިކަލެއްގެ އެހީގައި ކަށިތައް ސާފުކޮށް ކަށިތަކަށް ގެއްލުމެއް ލިބިފައިހުރިނަމަ އެތަނެއް ރަނގަޅު ކުރުމަށްފަހު ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ދައްކާލުމަށް ޝޯކޭސް ކޮށްފައި ބަހައްޓަނީއެވެ. އެގޮތަށް ބަހައްޓާފައި ހުރި ތަންތަނުގެ ތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތައް ވެސް އެބަހުއްޓެވެ.

އިއްޔެ އައްޑޫސިޓީއަށް ލެއްގި ބޮޑުމަސް ބަލާލަން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވެ ތިބެ ވެސް މިވާހަކަ ދެއްކިއެވެ. މި މަސް ނޭޗަރ ޕާކުގައި ޑިސްޕްލޭ ކުރަންވީ ކަމެވެ. ނުވަތަ އެފަދަ ފައިދާ ހުރި ކޮންމެވެސް ކަމެއް އެ މަހުން ކުރެވޭތޯ ބަަލަންވީ ކަމެވެ. ބައެއް މީހުން މަހުގެ ދަތްތައް ނެއްޓޭތޯވެސް އުޅުނެވެ.

އައްޑޫސިޓީއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނަކަށް ވުމާއެކު މެރިން ބަޔޮލޮޖީ ޕާކެއްގެ ގޮތުގައި ތަނެއް ތަރައްގީކޮށް މި ބޮޑުމަސް އެތަނުގައި ޝޯކޭސް ކޮށް ބެލެހެއްޓިއްޖެ ނަމަ ހަމަ ގައިމުވެސް އެއީ ފަތުރުވެރިންނާއި އަދި ސިޓީ އަށް އަންނަ މެހްމާނުން ޝައުގުވެރިވާނެ އެއް ސައިޓްސީން އަކަށް ވެގެންދާނެއެވެ. އަދި އެފަދަ ތަނެއް ހެދިއްޖެނަމަ މުސްތަގުބަލުގައި އައްޑޫއަށް ލައްގާ މިފަދަ ކަނޑުގެ ދިރުންތައް ޝޯކޭސް ކުރެވޭ ތަނަކަށް ވެސް އެތަން ވެގެންދާނެއެވެ. މިއީ ކަނޑުގެ ދިރުންތަކާމެދު ލޯބިކުރާ މީހުންގެ އިތުރުން ސިޓީކައުންސިލުން އިސްނަގައިގެން ކުރެވިދާނެ މުހިއްމު މަސައްކަތަކަށް ވެގެންދާނެއެވެ.

Ativador Windows 10

1 ކޮމެންޓް
އަޑުކުރާ
ނޮވެމްބަރު 15, 2021
ކުރަމަތި އައިލެންޑް މޯލްޑިވްސްް ގައި ރިއްކާާތެރި ކޮއްބާއްވާފައިވާ ބޮޑު މަހެއް އެއީ