English Edition
Dhivehi Edition

މިދިޔަ އޮކްޓޯބަރު މަހު ހުވަދު އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ބަންޑުން ޖަހާފައިވާ ބޯޓު ގދ. ތިނަދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން 08 ނޮވެންބަރުގައި ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގދ. ތިނަދޫ ކައުންސިލްގެ އިހްތިސާސް ހިންގާ ސަރަޙައްދުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު އޮޔާ ދަނިކޮށް ފެނިފައިވާ ބަންޑުން ޖެހިފައިވާ، ވެރިއަކު ނޭގޭ ބޯޓެއް ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިބޯޓު އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ ޤާނޫނު ނަންބަރު 08/96 “ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު” ގެ ދަށުންނެވެ.

މިބޯޓާއި މެދު ކަމާއިބެހޭ މިނިސްޓްރީއިން ވަކިގޮތެއް އެކައުންސިލަށް އަންގަންދެން ބޯޓަށް އެއްވެސް ގެއްލުމެއް ނުދިނުމަށާއި، ބޯޓާއި ބޯޓުގައިވާ ތަކެއްޗަށް ގެއްލުމެއް ނުދިނުމަށް އެންމެހާ ފަރާތަކަށް އެކައުންސިލުން ވަނީ އިލްތިމާސްކުރަމެވެ. އަދި އެ ފަދަ އަމަލެއް ހިންގައިފި ނަމަ އޮންނަ އުސޫލުގެ ދަށުން އެފަރާތަކާއިމެދު ގާނޫނީ ފިޔަވަޅު އެޅޭނެކަން އަންމުކޮށް އަންގައި އިޢުލާންކުރަމެވެ.

މިބޯޓު އެންމެ ފުރަތަމަ ފެނިފައިވަނީ ގއ. އަތޮޅުގައި ހިންގާ ރަފްލްސް މޯލްޑިވްސް (ގއ. މެރަދޫ) ކައިރިން އޮޔާދަނިކޮށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށެވެ. އަދި އެބޯޓު ފެނުމާއެކު އެބޯޓު ފެނުނު ފަރާތްތަކުން ވަނީ އެބޯޓު އޮޔާ ނުދާނެހެން އެބޯޓު އައްސާފައެވެ. ނަމަވެސް އޭގެ އެއްދުވަސް ފަހުން ތިނަދޫ ކައުންސިލްގެ މުވައްޒަފުންތަކެއް އެބޯޓު އެސަރަހައްދުން ނަގަން މަސައްކަތްކުރުމުން އެމައްސަލަ ވަނީ ހޫނު ވެފައެވެ.