English Edition
Dhivehi Edition
އައްޑޫގެ ބައެއް މެމްބަރުން މަޖިލިހުގެ ޖަލްސާއެއްގައި: ފޮޓޯ މަޖިލިސް

ކޮންމެ ފަހަރަކު ވެސް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބަޖެޓްގައި ޖަހާފައި ވިޔަސް އެ މަޝްރޫއުތައް ކުރިއަށް ނުގޮސް ލަސްވާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމުގައި އައްޑޫސިޓީގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ލަފާކުރާ ބަޖެޓަށް ވާހަކަ ދައްކަވަމުން އަޙްމަދު ރަޝީދު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ދިމާވީމާ ކުރާ ސުވާލަކީ ބަޖެޓްގައި މަޝްރޫއުތައް ހިންގަން ކޮންމެ ފަހަރަކުވެސް އެބަޖަހާ ކަމަށާއި އެކަމަކު އެކަންތައް ނުފެށި ލަސްވަނީ ކީއްވެގެންތޯ ކަމަށެވެ.

“އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންނާއި ދިމާވީމާ އަޅުގަނޑުމެން ކާރީގާ މި ބުނަނީ އަޙްމަދު ރަޝީދޭ އެއާޕޯޓުގެ ވާހަކަ ކަލޭމެން އެބަ ދައްކައޭ . ބަޖެޓްގައި އެބައޮތޭ ކޮން އިރަކުހޭ ފެށެނީ؟ އެއާޕޯޓުގެ މަސައްކަތް ކުރާ ތަނެއް ނުފެނެއޭ. އެއާޕޯޓަށް ކުރިއެރުމެއް ނާދެއޭ. ބިން ހިއްކަން އެބައޮތޭ. ބިންހިއްކާ ތަނެއް ނުފެނެއޭ. ބަޖެޓުގައި ޖެހުމަކުން ތިކަމެއް ނުފުދެއޭ. މިއަދު ވެސް މި ބަޖެޓްގައި ވެސް ހިތަދޫގައި އަލަށް އާބާދުވާ ސަރަހައްދަށް އެބައޮތް 3 މިލިއަނެއްހައި ރުފިޔާ ބަޖެޓް ކުރެވިފައި. އެހެން ނަމަވެސް މިފަދަ މަޝްރޫއުތައް ނުނިމޭތީ ރައްޔިތުން އެ ތިބެނީ މާޔޫސް ވެފައި” އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ބަޖެޓާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި ބަޖެޓް 2022 ވަނަ އަހަރުގައި ތަންފީޒު ކުރުމުގެ ކުރިން އައްޑޫ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފައްޓަވައި ދެއްވުން އެދޭ ކަމަށެވެ. އަދި އައްޑޫސިޓީގެ ބައިނަލް އަގުވާމީ ސިޕޯޓުގެ ތަރައްގީގެ މަޝްރޫއާއި އަދި އައްޑޫސިޓީން ފެށިފައިވާ ބިން ހިއްކުމުގެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ފައްޓަވައި ދެއްވުން އެދޭ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

“އައްޑޫސިޓީގެ ހިތަދޫގައި އަޅަމުންދާ ނަރުދަމާގެ މަސައްކަތަކީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ނިމިފައި އޮތް މަސައްކަތެއް. ޚާއްޞަކޮށް ހިތަދޫ މެދުދާއިރާގެ އެތައް ގެއަކަށް އަދިވެސް ވަނީ ނަރުދަމާގެ ހޮޅު ނުގުޅާ. މި ހާލަތުގައި ކޮންމެ ފަހަރަކުވެސް ކަމާ ބެހޭ ވުޒާރާގެ ވަޒީރާ ސުވާލު ކުރުމުގެ ވިދާޅުވަނީ ވާނެ. ވަރަށް އަވަހަށް ނިމޭނެ .ވަރަށް އަވަހަަށް ނިމޭނެ ކަމަށް. އެންމެ ފަހުން ވިދާޅުވީ މިހާރު އޮތީ ރެގިއުލޭޓްކޮށް ބަލަހައްޓަން ކުންފުންޏަކާ ހަވާލުކުރެވިފައިކަމަށް” މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރަށް ވާހަކަ ދައްކަވަމުން އަޙްމަދު ރަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަަށް އަހުލުވެރިވެފައިވާ އައްޑޫސިޓީގައި މި އޮންނަނީ 3 ރިސޯޓު ކަމަށާއި އޭގެ ތެރެއިން 2 ރިސޯޓު މިއަދު ވެސް އެވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ބަންދުކުރެވިފައި ކަމަށެވެ. އަދި ޝަންގްރިއްލާ އަކީ ދައުލަތުގެ ހިއްސާ އޮންނަ ތަނަކަށް ވާއިރު ކޮންމެ އަގެއްގައި ވެސް ޝަންގްރިއްލާ ރިސޯޓު ހުޅުވެން ޖެހޭނެ ކަަމަށާއި އެތަން ހުޅުވައި ދެއްވުމަކީ އައްޑޫސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހަމަ އެގޮތަށް ހެރެތެރެ އަކީ ބަންދުކުރެވިފައި އޮތް ދެވަނަ ރިސޯޓު ކަމަށާއި އެންމެ އިންވެސްޓަރެއްގެ ހައްގުގައި މުޅި އައްޑޫސިޓީ އާއި މުޅި ރާއްޖެ ގުރުބާން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވަވާ ކަަމަށެވެ.

“އެހެންވީމާ އެރިސޯޓު ހުޅުވޭނެ ގޮތެއް ހައްދަވައި ދެއްވަން އެބަ ޖެހޭ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް އައްޑޫސިޓީގެ ރައްޔޮތުންނާއި އެ ސަރަހައްދުގެ ޒުވާނުންނާއި ރައްޔިތުންނަށްޓަކައި މި މަސައްކަތް ކުރެވެން ޖެހޭނެ ކަަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން” މެމްބަރު ރަޝީދު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ތަކެތީގެ އަގު އުފުލުމާއި އިންފްލޭޝަން އަސަރު ރާއްޖޭގެ ވިޔަފާރިތަކަކާއި މަސައްކަތެއްނެތިފައިވާ ޒުވާން ޖީލަށް ކުރިމަތި ވުމުގެ ކުރިން، މި ސަރުކާރުގެ ވައުދެއް ކަމުގައިވާ ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާއެއް ލިބެން ދެން އިނާޔަތްތައް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން މި ބަޖެޓްގައި ހިމަނައި ޒުވާނުންނަށާއި ވަޒީފާ ނުލިބިފައި ތިބި ފަރާތްތަކަށް އިނާޔަތެއް ލިބޭނެ ގޮތެއް މި ބަޖެޓްގައި ހިމަނައި ދެއްވުން އެދޭ ކަމަށެވެ.