English Edition
Dhivehi Edition
ސްކީމްގެ ގއ. ޗެޕްޓަރ އިން މީގެ ކުރިން ބޭއްވި މައުރަޒެއްގެ ތެރެއިން: ފޮޓޯ ސްކީމް

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ އައްޑޫ ޗެޕްޓަރ އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި “ކާބޯތަކެތީގެ މައުރަޒު 2021” ގެ ނަމުގައި މައުރަޒެއް ބޭއްވުމައް ނިންމައި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަރަދޫ އިރުޝާދިއްޔާ ސްކޫލް ގެ ހޯލްގައެވެ.

ސްކީމްގެ އައްޑޫ ޗެޕްޓަރ ގެ ޗެއަރ ޕާރސަން ފާތިމަތު ދިޔާނާ ވިދާޅުވީ މިއީ ގޭގައި ތިބެގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި އިވެންޓެއް ކަމަށެވެ.

“މީގެ ކުރިން އައްޑޫގައި ދޭތެރެ ދޭތެރެއިން މިފަދަ ހަރަކާތްތައް ބޭއްވި ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން އެފަދަ ޕްލެޓްފޯމެއްގައި ތަކެތި ވިއްކޭނެ ފުރުސަތު ގިނަ މީހުންނަށް މިވަނީ ނުލިބި. އެހެންވެ އެފަދަ މަސައްކަތް ކުރާމީހުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް މިއީ” ދިޔާނާ މައުލޫމާތު ދެއްވިއެވެ.

މި މައުރަޒުގައި، ގޭގައި ތައްޔާރުކޮށްފައިވާ ލުއިކާނާ އާއި ހެދިކާގެ ބާވަތްތަކުގެ އިތުރުން ތަރުކާރީއަދި މޭވާ ވެސް ވިއްކުން ކުރިއައް ދާނެއެވެ.

ނޮވެމްބަރު މަހުގެ 13 ވާ ހޮނިހިރު ދުވަހު ހެދުނު 9 އަކުން އިރުއޮއްސި 7 އަށް ކުރިއަށް ދާ މި މައުރަޒުގައި ހުޅުމީދޫން ބައިވެރިވާ ފަރާތަކަށް ފަސޭހަ ކަމާއެކު މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްފައި ކަމަށް ސްކީމް އިން ބުނެއެވެ.

މި މައުރަޒުގެ ސްޓޯލް އެއް ދޫކުރުމައް ހަމަޖެހިފައި ވަނީ 300 ރުފިޔާ އަށެވެ.

މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 8 ނޮވެމްބަރ 2021 ގެ 16:00 ގެ ކުރިން މި ލިންކުގައިވާ ފޯމް ފުރިހަމަ ކުރެއްވުމުން ރަޖިސްޓަރ ކުރެއްވޭނެ އެވެ.

https://form.jotform.com/213032063844447

މައުރަޒާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7458080 / 7203487 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.