English Edition
Dhivehi Edition

އައްޑޫސިޓީގެ ރުއްޖެހެރެ ސަރަޙައްދު ޕިކްނިކު އޭރިއާއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

“ރުއްޖެހެރެ ޕިކުނިކު އައިލެންޑް” ގެ ގޮތުގައި މިތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ޚާއްޞަ ސަރަހައްދެއްގެ ގޮތުގައި މިތަން ސާފުކޮށް މަސައްކަތް ކުރަމުން އަންނަ އިރު ކުރިން މިއީ ގިނަ ބަޔަކު ކުނި އުކާލާ ބޮޑު ކުނި ގޮނޑެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް މި ސަރަހައްދު ވަނީ މިހާރު އެއްކޮށް ސާފުކޮށް ރީތި ކޮށްފައެވެ.

މި ތަނާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން “އައްޑޫފްރެންޑްސް” އިން ބުނީ އައްޑޫގެ ރުއްޖެހެރެ ސަރަހައްދަކީ ޕިކުނިކު އޭރިއާއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ވިސްނުން އައުމާއި ގުޅިގެން އެވާހަކަ ކައުންސިލަރުންނާއި ދައްކައި ކައުންސިލުން ވެސް އެ ސަރަހައްދު ބެލުމަށްފަހު އެ ޚިޔާލަސް ތާއީދު ކުރެއްވެވި ކަމަށެވެ. އަދި ކައުންސިލަރު އަޙްމަދު ސައީދު އެކަން ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅުއްވައި ކައުންސިލް އިން ފާސްކޮށްގެން މަސައްކަތް ފަށައިގެން މިހާރު ކުރިއަށް ދާ ކަމުގައެވެ.

“އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު މި ތަނުގެ މަސައްކަތް ފެށިއިރު މިއީ ހަމަ ބޮޑު ކުނިގޮނޑެއް. ފުއްޓަރު ފަރާތުން މޫދާދިމާއަށް ވަރަށް ބޮޑަށް ގިރި ހުސްވެފަހުރީ. މިހާރު ވާނީ އެތަނަށް ވެލިއަޅައި ބޮޑު ސަރަހައްދެއް އުސްކޮށް ބަރާފައި. މަސައްކަތް ނިމޭއިރު ފުއްޓަރު ފަރާތުން ފެށިގެން ލިންކުރޯޑާ ހަަމައަށް މިތަން ސާފުކޮށް މީހުން ދަތުރު އައިސް ތިބޭނެ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ހެދިގެން ދާނެ” އައްޑޫ ފްރެންޑްސް އިން ސިނާން ކިޔައިދިނެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ބަޔަކު ރަށުގައި ބަންދުވެފައި ތިބި ދުވަސްވަރު އައްޑޫގެ އެކި ސަރަހައްދުތަކުގައި ބީޗް ޕާކުތައް ހަދާފައިވީނަމަވެސް ދަތުރު ދިއުމަށް ޚާއްޞަކޮށްގެން މިފަދަ ބޮޑު ސަރަހައްދެއް އައްޑޫގައި ތަރައްގީ ކުރެވޭ މިއީ ފުރަތަމަ ފަހަރެވެ.