English Edition
Dhivehi Edition
ޝަހީދު ހުސެއިން އާދަމްގެ މަންމައާއި ބައްޕަ——ފޮޓޯ: ނައުޝަމް ފޮޓޯގްރަފީ

” އޭނާގެ ކިބައިން ކުޑައިރު ފެނުނު ޝައުގުތަކަށް ބަލާއިރު، ސިފައިންގެއަށް ވަނުމުން ހައިރާނެއް ނުވޭ. ކުޑައިރުވެސް އެފަދަ ކަންކަމަށް ލޯބިކުރި. ހުސައިންގެ ވަކިވުން މިގޮތަށް އަތުވެދާނެ ކަމަށް ތައްޔާރުވެގެންނެއް ނޫން ހުރީކީ. ހާދިސާ ހިނގި ދުވަސްވަރު ހުސައިން އާދަމްގެ ބައްޕަ މަސައްކަތް ކުރަމުންދިޔައީ ކުޅުދުއްފުށީ ވިޔަފާރި ގޭގަ. އެދުވަހު އެތަނުގައި އިނުމަށްފަހު އޭނާ ކުއްލިއަކަށް ގެއަށް އައި. އޭރު ކާއެއްޗެއް ނުލިބިގެން އެރަށުގައި މީހުން ކޮޅުކޮޅަށް ދުވަން ފަށައިފި. އެހެން ނަމަވެސް ވެގެން އުޅޭގޮތެއް އޭރު ނޭނގޭ. އޭރު ދެން ބީބީސީ ހަބަރު އަންނާނެ. ދެމީހުން ތިބޭނީ އޭގެ ދޮށުގައި. އޭގެ އަނެއް ދުވަހުވެސް ސާފެއް ނުވި. ދެން ހޮނިހިރު ދުވަހު ބުނިން ސާފު ކޮށްގެންނޭ މިއަދު އަންނަންވާނީ. ހޮނިހިރު ދުވަހު އެކެއް ޖަހާލާހާއިރު ހުސައިންގެ ބައްޕަ ހަބަރު ހިފައިގެން އަތުވެއްޖެ. އޭރު ހުރީ ފެންކަޅިވެފައި. ރަށުގެ ގިނަބަޔަކު ގޭދޮށަށް ޖަމާވެއްޖެ. ހުސައިންގެ ބައްޕަ އައީމަ އެހިން ކިހިނެއްހޭ ވީ. އެހީމަ ބުނީ، އަހަރެމެންގެ ދަރިފުޅު ޝަހީދުވެއްޖެއޭ. ”

ގދ. ތިނަދޫއަށް އުފަން، ހުނަރުވެރި ފޮޓޯގްރާފަރު ނައުޝަމް ވަޙީދު ، ނަސްރުގެ ދުވަހާއި ގުޅުވައިގެން ނަގާފައިވާ ރީތި ފޮޓޯ އާއެކު ލިޔެފައިވާ ލިޔުންކޮޅެއްގައި ހިމެނޭ ބައެއް ވާހަކަތަކެވެ. ޚާއްޞަ މުނާސަބާ ތަކާއި ގުޅުވައިގެން އެކަމަކާ ގުޅުން ހުރި ފޮޓޯ ނަގާ ސޯޝަލް މީޑިއާ ގައި ހިއްސާ ކުރަމުންއަންނަ ނައުޝަމް ގެ މި ފަހަރުގެ ފޮޓޯއިން ފެންނަނީ ޝަހީދު ލާންސްކޯޕްރަލް ހުސައިން އާދަމްގެ މަންމަ އާއި ބައްޕައެވެ. ދެމީހުން ގޮނޑިއެއްގައި އިށީންދެލައިގެން ތިބީ ހުސެއިން އާދަމްގެ ފޮޓޯ ފްރޭމްއެއް ހިފައިގެންނެވެ. ނައުޝަމް މި ފޮޓޯއިން ދައްކުވައިދޭން ބޭނުންވީ ފަޚުރުވެރި މަޔަކާއި ބަފައެއް ކަމަށެވެ.

ނައުޝަމް ލިއެފައިވާ ލިއުންކޮޅުގައި ވަނީ ކުޑައިރުގެ ބޮޑު ބައެއް ހުސެން އާދަމް ހޭދަކުރީ ތީރުތައް ހެދުމާއި ހަނގުރާމައިގެ ކުޅޭ ނެށުންތައް ކުޅުމުގައި ކަމަށެވެ. އެހެންވެ ގައުމީ ދިފާއީ ބާރާއި ގުޅުނު އިރު އެއީ ހައިރާންވާން ވާންޖެހޭ ވަރު ކަމަކަށް މަންމަ އާއި ބައްޕައަށް ނުވިކަން ފާހަގަ ކޮށްފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ އެ ބިރުވެރި ހާދިސާ ހަނދާން ކުރަމުން ހުސެއިން އާދަމްގެ މަންމައާއި ބައްޕަވެސް އަސަރާއެކު އެމީހުންގެ އެންމެ ހަނގު ދަރިފުޅުގެ ވަކިވުން ނައުޝަމް އަށް ކިޔައިދިނެވެ. ޒަމާނަކީ ޚަބަރު ފަތުރާ ވަސީލަތްތައް މަދު ދުވަސްވަރަކަށް ވުމާއެކު ދަރިފުޅުގެ ހަނގުރާމައިގައި ޝަހީދުވިކަން މައިންބަފައިންނަށް އެނގުނީވެސް އެ ހާދިސާއަށް 3 ދުވަސް ވީ ފަހުންނެވެ.

އެކަމެއް ހިނގީ ބުރާސްފަތި ދުވަހެއްގައެވެ. ރަށުގައި ކާއެެއްޗެއް ނުލިބިގެން މީހުންތައް ދުވަން ފެށުމުންވެސް ވެގެން އުޅޭ ގޮތެއް އޭރު ނޭނގޭ ކަމަށް ހުސައިން އާދަމްގެ މަންމަ ކިޔައިދިނެވެ. ނަމަވެސް އޭރުވެސް ފާޑަކަށް އުދަނގޫވެފައި ހުންނާތީ ވެގެން އުޅެނީ ކީއްތޯ އޮޅުން ފިލުވުމަށް ފިރިމީހާ ކަައިރީ އެހިކަމަށް އޭނާ ބުނެއެވެ. ނަމަވެސް ވެގެން އުޅެނީ ކީއްކަމެއް ނޭނގުނެވެ.

ޖެހިގެން އާ ހުކުރު ދުވަހުވެސް އުނދަގޫތަކެއްވެ، ހިތުގެ ހާސްކަން ނުފިލާ ހުންނާތީ، ހުސެއިން އާދަމްގެ ބައްޕަ މަސައްކަތް ކުރަނީ ސަރުކާރުގެ ފިހާރައެއްގައި ކަމުން ވެގެން އުޅޭގޮތެއް އޮޅުން ފިލުވައިގެން އައުމަށް އެދުނެވެ. ހަބަރު ހިފައިގެން އައީ ހޮނިހިރު ދުވަހު އެކެއް ޖަހާލާއިރު އެެވެ. އޭރު ހުސައިން އާދަމްގެ މަންމަ އިނީ ގޭގައި އަތްގާތްކޮށްދެން އުޅޭ ކުއްޖަކާއިއެކު ހަނޑޫ ހޮވާށެވެ.

ހުސެއިން އާދަމްގެ ބައްޕަ ގެއަށް އައިސް ވަނީ މޮޅިވެރިކަމާއިއެކުއެވެ. ވީ ކީއްތޯ އެހުމުން ބުނީ “އަހަރެމެންގެ ދަރިފުޅު ޝަހީދުވެއްޖެ”ކަމަށެވެ.

އެ ހަބަރާއިއެކު އިތުރަށް ވީ ކީއްކަމެއް ނޭނގުނުކަމަށާއި ހޭނެތިގެން ވެއްޓުނީކަމަށް މަންމަ ކިޔައިދީފައިވެއެވެ. ހުސެއިން އާދަމްގެ މަންމަ ހޭނެތުނު ގޮތަށް 10 ދުވަސް ވަންދެން އޮތީ ހޭނާރަަައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ މެންދަމު 04:15 ހާއިރު މުޅި ގައުމު ހޭލައްވާލީ ދިވެހިންގެ ތެރެއިން ބަޔަކު ބޭރުގެ ކުލީ ސިފައިންތަކަކާއި ގުޅި ވެރިރަށް ހިފި ހަބަރާއި އެކު އެވެ. ވެރި ރަށުގެ ރައްޔިތުންނަށް ލިބުނު މައުލޫމާތަކީ، އެ މީހުން ސިފައިންގެ މައި އިދާރާއަށް މިސްރާބު ޖަހައި، އެ ތަނަށް އަމާޒުކޮށް ބަޑި ޖަހަމުން ދާ ވާހަކަ އެވެ.

24 ގަޑިއިރަށްވުރެ ގިނައިރު ވަންދެން މާލެއާއި އެހެން ރަށްރަށުގެ މެދުގައި މުވާސަލާތު ހިދުމަތް މެދުކެނޑިގެން ދިޔުމުގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އިތުރުވެގެން ދިޔަ އެވެ. ކުލީ ސިފައިން ކައިރިވީ މާލޭގެ އުތުރު ފަރާތު ގޮނޑުދޮށަށް ދެ އިންޖީނު ބޯޓެއްގައެވެ. އޭރު ގަޑިން ފަތިހު 04:00 އެވެ. ފުރަތަމަ ބޯޓުން ހަތިޔާރު އެޅި ކުލީ ސިފައިން ޖުމްހޫރީ މައިދާނާ ކައިރިއަށް އެއްވަމުން ދަނިކޮށް، އެމީހުންގެ އެއް ބަޑީގެ ވަޒަން ކުއްލި ގޮތަކަށް ފަޅައިގެން ދިއުމުން، ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) ގެ އައުޓްޑޯ ސެކިއުރިޓީ ޕޯސްޓްތަކުގައި ތިބި ގާޑުން ޑިއުޓީގައި ތިބި ދެ ސިފައިން ވަގުތުން އެލާޓް ކުރި އެވެ. އެ ދެ ޒުވާނުންނަކީ ޕްރައިވެޓް އާދަމް މުހައްމަދާއި، ޕްރައިވެޓް ހުސެއިން އާދަމް އެވެ. ހުސެއިން އާދަމް ހުންނެވީ ސިފައިންގެ ގޭޓުގެ ހުޅަނގު ފަރާތުގަ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު، ޝަހީދު ހުސެއިން އާދަމް ފާހަގަ ކުރެވެނީ ހިތްވަރު ގަދަ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ.

ހާދިސާ އަށް 33 އަހަރު ފުރޭދުވަސް ފާހަގަކުރަމުން އެ ހަނދާންތައް އާ ކުރަމުން މުޅި ގައުމު އަންނަ މި ދުވަހު ނައުޝަމް ނަގާފައިވާ އަސަރުގަދަ ފޮޓޯގައި ފެންނަނީ ހިތްވަރުގަދަ މި ބަތަލުގެ މައިންބަފައިން އެމީހުންގެ ލޯބިވާ ދަރިފުޅުގެ ފޮޓޯ ހިފަހައްޓާލައިގެން ގޮނޑިއެއްގައި އިށީނދެގެން ތިއްބައެވެ.

ނޮވެމްބަރު 03 ހާދިސާއަށް އެތައް އަހަރެއް ވީއިރު ވެސް ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މާލެ ނުދެ އެވެ. އަތޮޅުވެއްސަށް ދާން ރައީސް މައުމޫން އަބްދުލްގައްޔޫމް ދައުވަތު ދެއްވި ނަމަވެސް އެ ވަހަކަ ދައްކާނެހާ ހިތްވަރެއް ނެތްކަމަށް މަންމަ ވިދާޅުވި އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ލޮޮލުން ކަރުނަ ހިކިފައި ނުވާއިރު، ދަރިފުޅު ދެކެ ނުހަނު ފަހުރުވެރިވާކަން މަންމަ ވަނީ ފާހަގަ ކޮށްފައެވެ،

\