English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ އަލީފް- އޭއޯ ނިއުސް

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުން އަންނަ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭވަރުވަނީ 2022 ވަނަ އަހަރު ކަމަށް އެމް.ޓީ.ސީ.ސީ ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެން ދަނީ 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ކަމަށް ލަފާކުރައްވާކަމަށެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއު މި އަހަރު ނިމެންވާއިރަށް، ނިންމާލެވޭނެކަމަށް ކުރިން އެމްޓިސީސީ އިން ބުނެފައިވާއިރު އެ މަޝްރޫއުގެ މަސައްކަތް ލަސްވުމުގެ އެއް ސަބަބެއް ކަމުގައި އެމްޓީސީސީއިން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ސާމާނުތައް ގެނައުމުގައި ގިނަ ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ލަސްވުމާއި ގުޅިގެން މީގެ ކުރިންވެސް އެމްޓީސީސީ އާއި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ބުނީ ކުރީއްސުރެވެސް ބޭނުން ކުރަމުން އަންނަ މަގުތަކެއް ވުމުން މަސައްކަތް ކުރުމުގައި ދަތި ތަކެއް ދިމާވާ ކަމުގައެވެ. އެގޮތުން މަގުގައި އެކި ހިދުމަތް ދޭ ވުޒާރާތަކުން ހިދުމަތް ދިނުމުގައި ބޭނުންކުރާ ކޭބަލް ތައް އަޅާފައި ހުރުމުން އެ ތަކެއްޗަށް ގެއްލުން ނުވާނޭ ފަދަ ގޮތަކަަށް މަސައްކަތް ކުރަން ޖެހޭތީވެސް މަސައްކަތުގެ ސްޕީޑް ލަސްކަމުގައެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެއެވެ.