English Edition
Dhivehi Edition
2018 ވަނަ އަހަރު ރައީސް ޔާމީން އައްޑޫ ސިޓީ ފޭދޫ އަށް ވަޑައިގަތުން ފޮޓޯ: އޭއޯ ނިއުސް

ޕީޕީއެމްގެ ކާމިޔާބުތަކަށް ހިޔަނި އެޅިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގު ނޫން ގޮތުގައި، ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބެހެއްޓުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރު ބަޔާނެއްގައެވެ. މި ބާޔާނުގައި ޕާޓީގެ ކާމިޔާބީތައް ފާހަގަކޮށް ބުނެފައިވަނީ ޕީޕީއެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ. އަދި ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިހާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމަށާއި އެ އިންތިހާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވިކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާ ކުރިއެރުން ގެނެސްދެއްވި ފަސް އަހަރުގެ ވެރިކަމެއް އެމަނިކުފާނު ފުރިހަމަ ކުރެއްވިކަމަށެވެ.

ޕީޕީއެމްގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ކުރިއެރުންތަކާއި ތަރައްޤީތައް ފާހަގަކުރަމުން މި ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި، ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުން ވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އުމްރާނީ ގޮތުންނާއި ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެ ނޫން ދާއިރާތަކުން ވެސް މި ގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީންކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޕާޓީގެ ކާމިޔާބުގެ ސަފްހާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުހިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާތީކަން ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނަށް ނުހައްގުން ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް، އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާއިއެކު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން މަސައްކަތްކުރަމުން ގެންދާކަން މި ބަޔާނުގައި ވަނީ ބުނެފައެވެ.