English Edition
Dhivehi Edition

ގދ. ތިނަދޫގައި ޒުވާނުންގެ ދުވަހާއި ގުޅުވައިގެން، 200 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ހާއްސަ ކަލަރ ރަންއެއް ބާއްވައިފިއެވެ.

“ރަން ފޯރ މޯލްޑިވްސް” އާއި ގދ. ތިނަދޫ ކައުންސިލާއި ގުޅިގެން އޮކްޓޯބަރު 23 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ސަރަހައްދުން ފެށި މި ދުވުމުގައި ކުދިބޮޑު އެކި އުމުރުފުރާތަކުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތަކީ، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް މިކަން އިންތިޒާމް ކުރި ޔުނިކްސް ސްޕޯޓިންގއިން ބުނެއެވެ.

ތަފާތު ކުލަތަކާ އެކު، އުފާވެރި މާޙައުލެއްގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ބޭއްވި މި ދުވުމުގެ ފެށުމާއި ނިމުމުގައި ކުލަ ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށްދިޔައެވެ. އަދި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމުގެ ގޮތުގައި 02 ބައިސްކަލް, ސެންޓް ޕެކޭޖެއް އަދި 02 މީހަކަށް ރިސޯޓް ދަތުރެއް ވަނީ ދީފައެވެ.

ކަލަރ ރަން އަކީ ޔުނިކްސް ސްޕޯރޓިންގއިން ލައިސަންސް ނަގައިގެން އިންޓަނޭޝަނަލް ފްރެންޗައިޒް އެއް ގޮތުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިއީ ރާއްޖެއިން ކޮވިޑް ބަލި ފެނުމުގެ ކުރިން ޔުނިކްސް ސްޕޯޓިންގ އިން އިންތިޒާމްކޮށް ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި އޮތް ހަރަކާތެކެވެ.

ކަލަރ ރަން ޓުއަރ އެއް ގޮތުގައި މިއަހަރު ފަށާފައިވާއިރު މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ 08 ރަށެއްގައި ކަލަރ ރަން ބާއްވާފައިވެއެވެ.