English Edition
Dhivehi Edition
ފޮޓޯ - ޕޮލިސް މީޑިއާ

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ނިލަންދޫގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 22 އަދި 23 ވަނަ ދުވަހު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން އަދި ގއ. ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން “މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު” ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އެ ޕްރޮގްރާމްތަކުގައި އެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި ހިނގަމުންދާ ކުށްތަކާއި އެ ކުށްތަކުން ސަލާމަތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އިރުޝާދުދީފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ރަށުގެ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރަ ތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި ފައިސާ ގެންގުޅުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެ ޕްރޮގްރާމްތަކުގެ ތެރެއިން ނިލަންދޫ ސްކޫލުގެ ގްރޭޑް 4 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށްވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، މުޖުތަމައުގައި ކުދިންގެ މެދުގައި ހިނގާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާ އަދި އަމާން މުޖުތަމައަކަށް ސްކޫލު ކުދިންގެ ދައުރު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށު ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، މުޖުތަމައުގައި ހިނގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ފުރާވަރު އުމުރުގެ ކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި އެ އުމުރުގެ ކުދިން އާންމުކޮށްކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ކުދިން އެފަދަ ކަންކަމުން ދުރުހެލިކުރުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭގެ އިތުރުން، ގއ. ނިލަންދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރަށުގެ ޒުވާނުންނާއެކު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ރަށުތެރެ ސާފުކުރުމުގެ ހަރަކާތަކާއި ފުލުހުންނާއި ނިލަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައިވެއެވެ. އަދި ޒުވާނުންގެ މެދުގައި ވޮލީ މެޗެއް ކުޅުމާއި ކޭކު ފެޅުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.