English Edition
Dhivehi Edition

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުވުމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް އެޕާޓީގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިޔަސް 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނިމިގެންދިޔަ ލޯކަލްކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ އެއްގޮތަކަށްވެސް ރިޔާސީ އިންތިޚާބަށް އަސަރުކުރާނެ ނަތީޖާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމުގެ ފޯމިޔުލާވެސް އޭނާވަނީ އެއޯނިއުސްއަށް ވިދާޅުވެދެއްވައިފައެވެ. “އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ ވޯޓުލާ އާބާދީގެ ފަންސަވީސްޕަސެންޓް. ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީން ނަންގަވައިފި ސާޅީސް އެއް ޕަސެންޓް. އިދިކޮޅު އެންމެން އެއްކޮށް ލިބިފައިވަނީ ސާޅީސް ފަސްޕަސެންޓް. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނުކުތް މީހުންނަށް ސާދަ ޕަސެންޓް ވޯޓު ލިބުނު. ދެން މިތިބީ ވޯޓުލާން ނުނުކުންނަ މީހުން، އާބާދީގެ. ގާތްގަޑަކަށް ރާއްޖޭގެ އާބާދީގެ ސަޅީސް ހަތަރު ޕަސެންޓު ނުވަތަ ސާޅީސް އަށް ޕަސެންޓް ވޯޓުލާން ނުނުކުމޭ. އެންހެވީމާ ލޯކަލްކައުންސިލް އިންތިޚާބަކީ އޭގެ ޒާތުގައި އެންމެ ރަނަގަޅު ނަތީޖާ ނުކުތް އިންތިޚާބެއް ކަމަށް ނުބެލެވޭނެ،” އޭނާ ވިދާޅުވިއެވެ. ޑރ. ޚަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނުނުކުމެ ތިބި މީހުން ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނުކުންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދޭނީ އެމީހުންނާއި މިނިވަން ޚިޔާލުގެ މީހުން ނުކުމެ ރައީސް ޔާމީނަށް ވޯޓުދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. “ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނުނުކުމެ ތިބި މީހުންނަކީ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނުކުމެ ނަތީޖާ ބަދަލުކުރާނެ މީހުން. އޭގެ ތެރޭގައި މާލޭގެ ނަތީޖާއަށް ބަލާއިއިރު ނުނުކުމެތިބީ އަޅުގަނޑުމެންނަށް ތާއިދުކުރާ މީހުން. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކާމެދު ފޫހިވެގެން ގިނަމީހުން ވޯޓުލާން ނުނުކުމެތިބީ. އެކަންބޮޑަށް އޮތީވެސް ބޮޑެތި އާބާދީތަކުގައި. މާލެ، އައްޑޫ، ކުޅުދުއްފުށީ ވޯޓުލާ އާބާދީގެ ދެބައިކުޅަ އެއްބައިވެސް ވޯޓުލާން ނުނުކުމޭ. މިއިން އެނގެނީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރެއްނެތްކަން. ބޮޑެތި އާބާދީތަކުގައި މިއޮތީ އެމްޑީޕީގެ ވިސްނުމުގެ ކައުންސިލްތައް. އެހެންވީމާ ވަރަށް ބޮޑަށް އެމީހުން (އެމްޑީޕީ) މަސައްކަތްކޮށްގެން ނުކުތްވަރު އެއޮތީ ވޯޓުލާން ނުކުމެފައި،” އޭނާ ވިދާޅުވިއެވެ. “މިކަންކަމަށް ވިސްނާއިރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަގީން ރައީސް ޔާމީން ގައުމަށް މިކޮށްދެއްވާ ތަރައްގީގެ ކަންތައްތަކާ އެއްކޮށް ރައްޔިތުން ވަރަށްބޮޑު ތަފާތަކުން ރައީސް ޔާމީން ރައީސް ކަމަށް ހޮވައިދޭނެކަން،” ޚަލީލް ވިދާޅުވިއެވެ.