English Edition
Dhivehi Edition

ގދ. ތިނަދޫގައި ފުލުހުންގެ ބެލުމުގެދަށުގައި ހުރި މީހަކު އެމަޖެންސީގައި އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ ހޮސްޕިޓަލުގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާލިމް އަލީ ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިއަދު އިރުއޮއްސި 6:20 ހާއިރު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ. އަދި އެ މީހާ ގެންދިޔައީ ފިޓު ޖެހިގެން ކަމަށާއި، މިހާރު އެ މީހާ އޮތީ އޮބްޒަވޭޝަންގައި ކަމަށް ވިދާޅުވިއެވެ.

އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ 23 އަހަރުގެ ފިރިހެން މީހާއަކީ އެޕިލެޕްސީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް މިއަދު ފިޓު ޖެހުނީ މަޢްރިބް ނަމާދުކުރަން ހުއްޓާ ކަމަށް ވެސް ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންވެސް 05 ވަރަކަށް ފަހަރު އޭނާ ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެގޮތުން އެންމެ ފަހުން ފިޓު ޖެހިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލީ އިއްޔެ މެންދުރު ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.