English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލެއްގެ ގޮތުގައި، މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ.

ރައީސް މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، އެންމެހާ ދިވެހިރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް، ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

މިއަދަކީ އެންމެހައި ރިވެތި އަދި ރަނގަޅު ކަންކަމުގައި، އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ ކޮންމެ މީހަކުމެ ތަބަޢަވާންވީ އެންމެ މަތިވެރި ނަމޫނާގެ ހަނދާންތައް އައުކުރާ ދުވަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އުންމަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ވަސްމީރު ޒިކުރާގެ ހަނދާންތައް އައުކުރާއިރު، ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން މިއަދުގެ މުޖުތަމަޢަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުންކަމަށެވެ، އަދި އެއްވެސް އޮޅުމެއްނެތްގޮތުގައި، އެ މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިޞްލާޙީ ފިޔަވަޅުތަކެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ދިވެހި މުޖުތަމަޢަށް އެފަދަ އިޞްލާޙީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން ވަކިން ބޮޑު ކަމަށެވެ. “ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލަކީ، މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އެކަން ޙާޞިލުކުރެވެނީ، އިޞްލާޙީ ކޮންމެ ފިޔަވަޅެއް ތިމާގެ އަމިއްލަ ނަފްސުން ފަށައިގެންކަން، އެކަލޭގެފާނު ވަނީ ޢަމަލީގޮތުން ސާބިތުކޮށްދެއްވައިފައި. ކޮންމެ ކަމަކަށް ގޮވައިލެއްވިއިރު، އެކަމެއްގެ އެންމެ ފުރިހަމަގޮތް، އެކަލޭގެފާނު ޢަމަލީގޮތުން، މުޅި އުންމަތަށް ދެއްކެވިއިތުރު އެކަލޭގެފާނަށް ތަބަޢަވުމުގައި، ޞަޙާބީ ބޭކަލުން ހިންގެވި މަގަކީ، އަނެކުންގެ ފަރާތުން ކަންކަން އިޞްލާޙުވުމަށް އިންތިޒާރު ކުރެއްވުމުގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ނަފްސު އިޞްލާޙު ކުރެއްވުން. ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުން. ތިމާގެ ދުލުން އަނެކާގެ އަބުރާ ނުބެހުން. ތިމާގެ ފުށުން އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުން. ތިމާގެ ހިތުގައި އަނެކާއާމެދު ޙަސަދަވެރިކަމެއް ނުބޭއްވުން” ރައީސްގެ ޙިތާބުގައިގައި ވިދާޅުވިއެވެ،

އިތުރަށް ރައީސް ވިދާޅުވީ މިކަންތައްތަކުގެ ނަތީޖާއަކަށްވީ، އިޖުތިމާޢީ ހުރިހާ ރިވެތި އަދަބުތަކާއި، އަޚްލާޤީ އެންމެ ރިވެތި ސިފަތަކުން ޖަރީވެފައިވާ، އެއްބަނޑުއެއްބަފާ ޞުލްޙަވެރި މުޖުތަމަޢެއް އުފަންވުންކަމަށާއި މި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމަށްވެސް ނަބަވީ ރިސާލަތުން ޙައްލު ހޯދޭނެކަމަށެވެ. އއިތުރު އެކަލޭގެފާނު ދަސްކޮށްދެއްވީ، ޙަސަދައިން ދުރުހެލިވުމަށާއި މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށާއި އިންސާނީ ކަރާމާތަށް ޙުރްމަތްތެރިކޮށް ހިތުމަށާއި ކޮންމެ ޙާލަތެއްގައިވެސް އަނެކުންނާ ރިވެތި ގޮތުގައި މުޢާމަލާތު ކުރުމާއި އޯގާތެރިކަމާއި ކުލުނާއެކު އަނެކުންނަށް އެހީތެރިވުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ،

މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު، ކޮންމެ މީހެއްގެ ޢަޒުމަކަށް މިއަދު ހަދަންވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ތިމާގެ ފަރާތުން މުޖުތަމަޢަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ޢަޒުމް ކަނޑައަޅައި، އެގޮތުގައި ދެމިހުރުމާއި، އިސްލާމްދީން ގެނެސްދިން އޯގާތެރިކަމާއި މަޑުމައިތިރިކަމާއި ރިވެތި ބަސްމަގަކީ، އަނެކުންނާ މުޢާމަލާތު ކުރުމުގައި އަބަދުވެސް ތަބާވާނެ އުޞޫލުތައް ކަމުގައި ކަނޑައަޅައި، އެގޮތަށް މަސައްކަތް ކުރުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަނެކުންނަށް މަޢާފުކުރުމާއި އެހީތެރިވުމާއި، ހެޔޮ ފޯރުވުމުގައި ދެމިހުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާޒުކޮށްފައެވެ.