English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ގދ. ތިނަދޫގެ ޖަމިއްޔާތަކާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ރައުހަތު ސްޕޯޓްސްއިން ތިނަދޫގައި ޚާއްސަ ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

22 އޮކްޓޯބަރު ވާ ހުކުރު ދުވަހު ހަވީރު ތިނަދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި ދުވުމުގައި 300 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ރައުހަތު ސްޕޯޓްސްގެ ރައީސް ރައުހަތު ގުދުރަތުﷲ އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއެވެ. އަދި މި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ ހަވީރު 16:30 ގައި ކަމަށާއި އެވަގުތު އެސަރަހައްދަށް އަންނަ ހުރިހާ ދުވުންތެރިންނަށް ބައިވެރިވެވޭ ގޮތަށްކަމަށް ވެސް ރައުހަތު ވަނީ މައުލޫމާތު ދީފައެވެ.

މި ދުވުމުގައި ހުރިހާ އުމުރުފުރާއެއްގެ ބައިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ބައިވެރިވާ ފަރާތްތަކަށް ޒުވާނުންގެ ދުވަހަށް ޚާއްސަ ޓީޝާޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވުން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 03 ކިލޯމީޓަރާއި 1.5 ކިލޯމީޓަރ އަށް ދުވުމުގެ ފުރުސަތު މި ދުވުމުގައި ދުވުންތެރިންނަށް ލިބިގެންދާނެއެވެ. އަދި ރައުހަތު ސްޕޯޓްސް އިން ކަނޑައަޅާފައިވާ ވަގުތުގައި ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް ގައުމީ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ވެސް ރައުހަތު ސްޕޯޓްސް އިން ވަނީ ފާހަގަކުރައްވާފައެވެ.