English Edition
Dhivehi Edition
ސަތޭކަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 8 މީހުން ފޮޓޯ: ޕޮލިސް މީޑިއާ

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ.

މި ގޮތުން 13 އޮކްޓޯބަރު 2021 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޔާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން 8 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ) އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ) އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ) ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައެވެ.

ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ) އާއި ބަނގްލަދޭޝް، އެމްޑީ ރަފީޤުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް، ޑީއެމް މޮބިން (24އ) ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވަނީ 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މި އަށް މީހުންގެ އިތުރުން، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިތުރު ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. . ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ވާނީ އެދިފައެވެ

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.